ޚަބަރުސިޔާސީ

ރައީސް ޔާމީން ޖަލުގައި ބަހައްޓަނީ ސިޔާސީ ބޭނުމަށް: އަމްރު

ކުރީގެ ރައީސް އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލުގައި ބަހައްޓަނީ ސިޔާސީ ބޭނުމަށް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އެގޮތުން ރ. ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިއަދު ކުރިއަށް ގެންދަން ނިންމުމުން އެކަމަށް ޢިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައި އަމްރު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ބަހައްޓަނީ ސިޔާސީ ބޭނުމަށް ކަމަށެވެ. އަދި އެކަމަކީ އެމްޑީޕީއިން 2018 ގައި ވީ ވަޢުދާއި އަދި އެމްޑީޕީގެ އަސާސްތަކާވެސް ޚިލާފުކަމެއް ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ސިޔާސީ ބޭނުމަށް އެއްވެސް މީހަކު ޖަލުގައި ބަހައްޓައިގެން ނުވާނެ ކަމަށާއި، އަދި އިންތިޚާބުގައި ވާދަ ނުކުރެވޭގޮތް ވެސް ހަދައިގެން ނުވާނެ ކަމަށެވެ.

މީގެ އިތުރުން އަމްރު ވިދާޅުވީ އެމްއެމްޕީއާރުސީ ގެ ކޮރަޕްޝަނަށް 250 މިލިއަން ޑޮލަރަށް އަރާކަމަށް މި ސަރުކާރުން އުފެއްދި ރިކަވަރީ ކޮމިޝަންއިން ބުނެފައިވާ ކަމަށާއި، އެކަމުގައި ސަރުކާރުގެ އޭރުގެ އާ މިހާރުގެ 119 މީހުން ބައިވެރިވާކަމަށްވެސް ބުނެފައިވާ ކަމަށާއި، އެހެން ކަމުން އެއްވެސް ނަމެއް އުނިނުކޮށް އެ ލިސްޓު ހާމަކުރަންޖެހޭ ކަމަށެވެ. އަދި ގެއްލުނު 259 މިލިއަން ޑޮލަރު ހޯދަން މި ފާއިތުވި 4 އަހަރު މިސަރުކާރުން ކުރި މަސައްކަތް ހާމަކުރަންޖެހޭ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

މިއާއިއެކު ސަރުކާރުން ހިންގާ ފައިސާގެ މުޢާމަލާތްތައް ސިއްރުނުކޮށް ހާމަކުރަމުން ގެންދަންޖެހޭ ކަމަށާއި، އޮޑިޓަރ ޖެނެރަލް ލައްވާ މުޢައްސަސާތައް ޤަވައިދުން އޮޑިޓު ކުރަންޖެހޭ ކަމަށް ވެސް އަމްރު ވަނީ ވިދާޅުވެފައެވެ.

އަމްރު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީންގެ މައްޗަށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަރިން ހިންގި ކަމަށްބުނެ ކުރާ ދަޢުވާގެ ޝަރީއަތްތައް ވަރަށް ގާތުން ބައްލަވަމުންދާކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އަމްރު ވިދާޅުވިއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނުގައި އެމްޑީޕީން ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަމްރު ވަނީ ރައީސް ޔާމީން އަނބުރާ ޖަލަށް ވަޑައިގަންނަވަންޖެހޭނެ ކަމަށާއި، މި އަހަރުގެ ރަމަޟާން މަހަަށް ހަނދު ބެލުމުގެ ކުރިން ރައީސް ޔާމީން ހުންނަވާނީ ޖަލުގައި ކަމަށް ވަރަށް ޔަޤީން ކަމާއިއެކު ވިދާޅުވެފައެވެ.

އެހެންނަމަވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ މަޤާމުގައި ހުންނަވާ ރައީސް އިބްރާހީމް އާއި ދެކޮޅަށް، އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއެކު މަސައްކަތްކުރަމުން ގެންދާތީ އަމްރު މަޤާމުން ވަކިކުރުމަށްފަހު އަންނަނީ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލުވާލުމާއި ގުޅިގެން ހެދިފައިވާ އިއްތިހާދުގައިވެސް ދަ ޑިމޮކްރެޓްސްގެ ފަރާތުން އަމްރު ދަނީ ބައިވެރިވެ ވަޑައިގެން މަސައްކަތް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button