ޚަބަރުސިޔާސީ

މިއަދު މަޖިލިސް ހުއްޓުވީ ރައީސް އިބްރާހިމް އަންގަވައިގެން: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ މެމްބަރުން ހުއްޓުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު އަންގަވައިގެން، ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 11 ވަނަ ޖަލްސާ އަށް އެމްޑީޕީގެ މެމްބަރުން ހުރަސް އެޅުއްވުމުގެ ސަބަބުން ކުރިއަށް ނުގެންދެވިގެން ހުއްޓާލަންޖެހުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ އެއީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙު އިސްވެ ހުންނަވައިގެން ކުރައްވާ ކަމެއް ކަމަށާއި، އެފަދައިން ކަން ކުރެއްވީ މައިގަނޑު ދެ ސަބަބެއް އޮވެގެން ކަމަށެވެ.އެ ދެ ސަބަބަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުތައް މަޖިލިސް ތެރެއިން ހުއްޓުވުމާއި، އިންތިޚާބު ތަކަށް، ސަރުކާރުން ނާޖާއިޒު ފައިދާ ނަގަމުންދާ ދިޔުމާއި ދެކޮޅަށް ވާހަކަދެއްކުން ހުއްޓުވަން ކަމުގައި އާޒިމް ވިދާޅުވިއެވެ.

”މިކަން ޙަޤީޤަތުގައި ސަރުކާރުން ކުރަމުން މިދަނީ، ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ކުރަމުން މިދަނީ ދެކަމެއް ހާސިލް ކުރަން. އޭގެ އެއްކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަނީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ލިބޭ ފުރުސަތުތައް މަޖިލިސް ތެރެއިން ހުއްޓުވުން. ނުވަތަ އެވާހަކަ މަޖިލިސް ތެރެއިން އަޅުގަނޑުމެން ދެއްކިޔަ ނުދޭން ސަރުކާރުގެ ކޮރަޕްޝަނުގެ ވާހަކަ ތަކުރާރުކޮށް ދައްކަމުން އެބަދަން. މިރާއްޖެ ދަރަނިވެރިވާ ވާހަކަ ދައްކަމުން އެބަދަން އިސްރާފު ބޮޑުވަމުންދާތީ. ދެވަނަ ކަމަކަށް އިންތިޚާބު ތަކަށް ނާޖާއިޒު ފައިދާ ސަރުކާރުން އެބަ ނަގަމުންދޭ. މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ދަތުރު ކުރަމުން އެބަ ގެންދަވާ. ޙަޤީޤަތުގަ ރަސްމީ ދަތުރޭ ވިދާޅުވިނަމަވެސް އެ ކުރައްވަމުން ގެންދަވަނީ ކެންޕެއިން ދަތުރު ތަކެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން“ އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އެމްޑީޕީ މެންބަރުން ހުއްޓުވީ މަޖިލީހުގެ ރިޔާސަތުގައި ވިލިފުށި ދާއިރާގެ މެންބަރު އިންނެވީ ޤަވާއިދާއި ޚިލާފަށް ކަމަށް ބުނެ، އަދި ނައިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުބަލައި މަޖިލިސް ކުރިއަށް ނުގެންދެވޭނެކަމަށް ވިދާޅުވެ ކަމަށާ، ރިޔާސަތު ބަލަހައްޓަވާނެ ފަރާތެއް ކަނޑައަޅާނެ ގޮތް މަޖިލީހުގެ ޤަވާއިދުގައިވާ ކަމާއި، އަދި އެކަންކަން ކުރިއަށް ދަނީ ޤަވާއިދާއި އެއްގޮތަށް ކަމަށް އިދިކޮޅު ޕާޓީ ތަކުން ދެކޭ ކަމަށެވެ. އަދި އެމްޑީޕީން މަޖިލީސް ކުރިއަށް ގެންދިޔުމާއި ދެކޮޅު ހަދައި މަޖިލީސް ހުއްޓުވުމަކީ ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމުގައި އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ މަޖިލިސް ހުއްޓުމަކަށް އައިސްފައިވާ އަނެއް ސަބަބަކީ ކޮމިޓީތައް އެކުލަވައި ނުލެވުން ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީތައް އުވިގެން ނުދާ ކަމަށާއި، އެހެންނަމަވެސް ކޮމިޓީ ތަކުގައި މެންބަރުން ހިމެނޭ ނިސްބަތަށް އައި ބަދަލާއި އެކު ކޮމިޓީ ތަކުގައި ހިމެނޭ ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ނިސްބަތާއި މެދު އެއްބަސް ނުވެވި އަލުން ކޮމިޓީ އެކުލަވައި ނުލެވެނީ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާ ފެށިގެން މާގިނައިރެއްނުވެ، ޖަލްސާ ކުޑަ ވަގުތުކޮޅަކަށް މެދު ކަނޑާލިއެވެ. ހުސްވަގުތަށް ފަހުން އަލުން ޖަލްސާ ފެށުމަށްފަހު ދެން އޮތީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފުގެ ކުއްލި މައްސަލައެއް ހުށަހެޅުއްވުމެވެ. ސަރުކާރުން ބަދަލުގެ ގޮތުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ އެކި ކުންފުނިތަކަށް ދިނުމަށްފަހު އެ މައުލޫމާތު ސިއްރު ކުރުމާއި ގުޅިގެން އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ގެންދެވިއިރުވެސް ރައީސް އިބްރާހީމްގެ މެމްބަރުން ދިޔައީ އަޑުގަދަކޮށް އެކަމަށްވެސް ހުރަސް އަޅަމުންނެވެ.

އެގޮތަށް ކަންތައް ކުރައްވާނަމަ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަންތައްތައް ނުހުއްޓުމުން އެންމެ ފަހުން ރިޔާސަތުން ވަނީ ޖަލްސާ ނިންމާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button