ޚަބަރުމުނިފޫހިފިލުވުން

ކިއްލާގެ 3 ވަނަ ގިގު ނައިޓް އާދީއްތަ ދުވަހު ކްލަބް ހައުސްގައި ބާއްވަނީ!

ކިއްލާގެ 3 ވަނަ ”ގިގު ނައިޓް“ އާދީއްތަ ދުވަހު ކްލަބް ހައުސްގައި ބާއްވަން ނިންމައިފިއެވެ.

ދިވެހި ކްލަބްތަކުގެ ތެރެއިން މިފަހަކަށް އައިސް ކްލަބް ހައުސްގައި މަގުބޫލުކަން ހޯދަމުން އަންނަ ކްލަބެއް ކަމަށްވާ ”ކިއްލާ“ އިން ރާއްޖޭގައި މުޅިން އަލަށް އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ 3 ވަނަ ޝޯ އޮންނާނީ އާދީއްތަ ދުވަހުގެ ރޭ 10:30 ގައެވެ.

ކިއްލާގެ ހިންގާ ކޮމެޓީގެ ފަރާތުން ”ބޮންތި“ އަށް މައުލޫމާތު ދިން ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ވެސް 2 އާޓިސްޓެއް https://www.clubhouse.com/join/killaa/alzKtvQu/Mz3R7qA4 ލައިވްކޮށް ޝޯ ކުޅޭނެއެވެ. ކިއްލާގެ ފުރަތަމަ ގިގު ނައިޓުގައި މޯލްޑިވިއަން އައިޑޮލްގެ ސީޒަން 2 އިން ފެނިގެން ދިޔަ އަމިއްލަ ވަންތަ ސްޓައިލެއް ގެންގުޅޭ ކުޅަދާނަ ލަވަކިޔުންތެރިޔާ ހުސެއިން ސަމާހު (ބަޖިއްކޮ) އަދި ”ފެވިފާ“ ލަވައިން ވިދާލި ތަފާތު އަޑެއްގެ ވެރި ލުވެއިޒް ހަސަން ވަނީ ޕާފޯމް ކޮށްފައެވެ. އަދި ދެވަނަ ޝޯގައި ބައިވެރިވެފައިވަނީ ކްލަބް ހައުސް އިން ގިނަބައެއްގެ ސަމާލު ކަމެއް ހުއްޓުނު ”ޝާފީ“ އާއި ”ވިން ޝާވިން“ އެވެ. ކޮންމެ ޝޯއެއްވެސް ކުރިޔަށް ދަނީ ލައިވް އިންސްޓްރޫމެންޓަކާ އެއްކޮށްނެވެ.

ކޮންމެ ލައިވް ޝޯއަކީވެސް ސްޕޮންސަރ ކޮށްގެން ކުރިޔަށް ގެންދާ ޝޯތަކެކެވެ. އެގޮތުން ދިވެހި ލަވައާއި މިއުޒިކަށް އެތަކެއް ރީތި އަމިއްލަ އުފެއްދުންތަކެއް ދޫކޮށްލި މޮޅު މިއުޒިޝަނެއް ކަމަށްވާ މުހައްމަދު މާޖިދު ނުވަތަ މެޒޯ މުހައްމަދު ވަނީ ފުރަތަމަ ޝޯވް ސޮޕޮންސަރ ކޮށްފައެވެ. މީގެ އިތުރުން ލަވަފޮށި އަދި އެނޫންވެސް ވިޔަފާރިވެރިންގެ ސަމާލުކަން ކިއްލާގެ ”ގިގަށް“ ލިބެމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އާދީއްތަ ދުވަހުގެ ޝޯވް ސްޕޮންސަރ ކުރުމަށް ހަމަޖެހިފައިވަނީ ޕީއާރު ފާމެއް ކަމަށްވާ އެލް ދީ އިންވެސްޓުމެންޓުންނެވެ.

”ބޮންތި“ އަށް މައުލޫމާތު ދެމުން ކިއްލާގެ ހިންގާ ކޮމެޓީއިން ބުނީ އެ ކްލަބްގެ މައިގަނޑު އަމާޒަކީ ފަންނާނުންގެ އަގުވަޒަން ކުރުމުގެ ގޮތުން ލައިވް ޝޯތައް ސްޕޮންސަރ ކޮށްގެން ލިބޭ އާމްދަނީ އިން އެފަރާތްތަކަށް މަންފާ ހޯދައިދިނުން ކަމުގައެވެ. އަދި ޝޯވް ކުރިޔަށް ދާވަގުތު އޯޑިއަންސް އިން ފަންނާނުންގެ ހުށަހެޅުންތަކަށް ހިތްވަރުދިނުމުގެ ގޮތުން ޓިޕްސް ފޮނުވޭނެ ގޮތަށް ޓިޕްސް ފޮއްޓެއް (އެކައުންޓު ނަންބަރު ޖަހާފައި) ސްޓޭޖުމަތީގައި ބެހެއްޓިފައި ހުރެއެވެ.

”ރާއްޖޭގައި ވަރަށް ޒުވާން މޮޅެތި އާޓިސްޓުން އެބަތިބި. އާންމުންގެ މެދުގައި މަގުބޫލު އަދި ގޭތެރޭގައި އިންސްޓްރޫމެންޓް ކުޅެ ލަވަކިޔާ މޮޅެތި އާޓިސްޓުންވެސް އެބައުޅޭ. އަޅުގަނޑުމެން ދެކޭގޮތުގައި އެމީހުންގެ އަގުވަޒަން ކުރެވެނީ އެންމެ އެދެވޭގޮތަކަށް ނޫން. އަޅުގަނޑުމެންނަކީވެސް އެހާ ބޮޑު ބެކަޕެއް އޮތް ބައެއް ނޫން. އެކަމަކު އާޓިސްޓުންނަށް ކޮންމެވެސް ކަމެއް ކޮށްދެވޭތޯ މިބަލަނީ.“ ކިއްލާގެ ހިންގާ ކޮމެޓީ

މި މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ ކޮންބައެއްގެ ފަރާތުންތޯ ”ބޮންތި“ އިން ސުވާލު ކުރުމުން ކިއްލާ އިން ބުނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭ ކަމުގައެވެ.

”ހާއްސަކޮށް ފާހަގަކޮށްލަން ބޭނުންވޭ މެޒޯ މުހައްމަދުގެ ނަން. ރިސޯޓު މިއުޒިކް ކުޅެމުންވެސް ޒުވާން އާޓިސްޓުން ކުރިއެރުވުމަށް އޭނާ ވަރަށް ގިނަ ވަގުތު ކިއްލާގައި ހޭދަކުރޭ. އެއީ ޝުކުރު ހައްގު މަސައްކަތެއް. މެޒޯ ކަހަލަ މިއުޒިޝަނަކު އަޅުގަނޑުމެންނާ އެއްކޮށް މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަހުރެއް. އަމާޒަކީ މެޒޯފަދަ އެތަކެއް ހުނަރުވެރި ލެޖެންޑުންނާއެއްކޮށް މަސައްކަތް ކުރުން.“ ކިއްލާ ހިންގާ ކޮމެޓީ

ކިއްލާއިން ބުނާގޮތުގައި އެ ކްލަބްގެ އަމާޒަކީ އާޓިސްޓުން ގޭގައި ތިބެގެން ކަލްބް ހައުސްގައި ދޮޅު ގަޑިއެއްހާއިރު ޝޯވް ކުޅެގެން އެކަށީގެންވާ ރަނގަޅު އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. އަދި އެ ކްލަބްގެ އަނެއް 2 އަމާޒު ކަމަށްވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ކުރިޔަށް ދެވޭނެ މަގު ކޮށައިދިނުމާއި ރާއްޖޭގެ މަސްރަހުގައި ހިނގާ މުހިންމު ކަންކަމާގުޅޭގޮތުން ހިޔާލު ބަދަލުކޮށް އާންމުން ހޭލުންތެރި ކުރުވުމުގައި އައު ހަރުފަތަކަށް ވާސިލްވުމެވެ. ކިއްލާއިން މިހާރު ވަނީ ވިޔަފާރި އުސޫލުން އިވެންޓާއި ޕްރޮގްރާމްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ގަޑި ދޫކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

ކިއްލާ ގިގު ނައިޓަކީ ލަވައާއި މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބަކުން ފެށި މަސައްކަތެކެވެ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button