ކަވާސާގެ 23 ވަނަ ލައިވް ޝޯވް މިރޭ ހުށަހަޅައިދޭނީ މީރާ!

ކަވާސާގެ 23 ވަނަ ވާޗުއަލް ލައިވް އޯޑިއޯ ގިގު މިރޭ ކްލަބްހައުސްގައި ބާއްވަން ނިންމައިފިއެވެ.
ދިވެހި މިއުޒިޝަނުންގެ އަގު ވަޒަންކޮށް، މާލީގޮތުން ފަންނާނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ ކްލަބެއް ކަމަށްވާ ކަވާސާގެ މިރޭގެ ޝޯވް ފެށޭނީ 22:30 ގައެވެ.
މިރޭގެ ޝޯވް ހުށަހަޅައިދޭނީ މިއުޒިކް އިންޑަސްޓްރީގެ އެންމެ އިސް ސަފުގައި ރަން އަކުރުން ވިދަދަމުންދާ ރަން އަޑުގެ ވެރިޔާ މީރާ މުހައްމަދު މާޖިދެވެ. އުުމުރުން 4 އަހަރުން ފެށިގެން ލަވަކިޔުމުގެ ދާއިރާގައި ހަރަކާތްތެެރިވަމުން އަންނަ މީރާ އަކީ ރާއްޖޭގައި ހުރި އެންމެ ރަނގަޅު އަދި އެންމެ މޮޅު އެއް ކޮމާޝަލް އަންހެން އާޓިސްޓެވެ. އޭނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ކޮލެޖް އޮފް މިއުޒިކުން ޑިގްރީ ހާސިލްކޮށްފައެވެ.
ކަވާސާއިން ބުނިގޮތުގައި މިރޭގެ ޝޯވް ވެގެންދާނީ އެ ކްލަބްގެ ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ބޭއްވޭ އެންމެ ބޮޑު އެއް ޝޯވ އަށް ކަމުގައެވެ.
މިއުޒިޝަނުން މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން ކަވާސާއިން ކުރި މަސައްކަތުން މިހާތަނަށް 35 ވަރަކަށް އާޓިސްޓުންނަށް އެ ކްލަބުން ވަނީ އެކަށީގެންވާ އާމްދަނީއެއް ހޯދައިދީފައެވެ.