ކަވާސާގެ 12 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!
ކަވާސާގެ 12 ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.
“ކަވާސާ” އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ފެށި ގިގު ނައިޓްގެ 12 ވަނަ ޝޯ އޮންނާނީ މިރޭ 22:30 އިން 00:00 އަށެވެ.
ކުރީގެ ޝޯތަކެކޭ އެއްފަދައިން މިރޭގެ ޝޯގައި ވެސް 2 ފަންނާނަކު ބައިވެރިވާނެއެވެ. އެގޮތުން މި ޝޯވ ލައިވްކޮށް ހުށަހަޅައިދޭ ދެ ފަންނާނުންނަކީ މޯލްޑިވިއަން އައިޑޮލް އިން އާންމުންގެ ތެރެއަށް ތައާރަފްވި އަހުމަދު މާއިޝް ނިޔާޒް އާއި ނަވާޒު އަލީ އެވެ.
މާއިޝް އަކީ ރިސޯޓު މިއުޒިކުގެ ތެރޭގައި ފާހަގަވަމުން އަންނަ 2 ސެންސް ބޭންޑުގެ ކުޅަދާނަ މެންބަރެކެވެ. އަދި ނަވާޒް އަކީވެސް ރިސޯޓު މިއުޒިކުގައި މީގެ ކުރިން ހަރަކާތްތެރިވެފައިވާ، އަދި މިހާރުވެސް ކްލަބް ހައުސްގައި ޕާފޯމް ކުރަމުން އަންނަ ހުނަރުވެރި އާޓިސްޓެކެވެ.
12 ވަނަ ޝޯވް އާ ހަމައަށް އާދެވުމާ ގުޅިގެން ކާވާސާގެ ސީއީއޯ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ވިދާޅުވީ އާޓިސްޓުންނާ އެއްކޮށް ކްލަބްހައުސްގައި ވޭތުވެދިޔަ 3 މަސްދުވަހު ކުރެވުނު މަސައްކަތާމެދު ހިތްހަމަ ޖެހޭ ކަމުގައެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ އާޓިސްޓުންނާ މިއުޒިކް ދާއިރާގެ މެންބަރުންގެ އިތުރުންވެސް އޯޑިއެންސްގެ ހިޔާލު ހިމަނައިގެން މި ކޮންސެޕްޓް އިތުރަށް ޑިވެލޮޕް ކުރުން. މިއީ ދިގު މުއްދަތަކަށް އާޓިސްޓުންނަށް އެކަށީގެންވާ އާމަދަނީއެއް ލިބޭނެ މަސައްކަތަށް ވެގެން ދިއުމަކީ ކުރެވޭ އެންމެ ބޮޑު އުންމީދު.“ މެޒޯ ވިދާޅުވިއެވެ.
“ކަވާސާ”ގެ ކުޑަދަށުގައި ކުޅޭ ކޮންމެ އާޓިސްޓަކީ ކްލަބްހައުސް އިން އެކަށީގެންވާ އާމްދަނީއެއް ލިބޭ ބައެއްކަން ފާހަގަކޮށްލެވެއެވެ.
މި ކްލަބުގެ ކޮންމެ ލައިވް ޝޯވ އަކީ ވެސް ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ޝޯތަކެކެވެ. އެގޮތުން މިރޭގެ ޝޯވް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކުން 22:00 އާ ހަމައަށް އެ ކްލަބްގެ މާކެޓިން ނަންބަރު 9767119 އާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެ އެވެ.
“ކަވާސާ” ގިގު ނައިޓަކީ ލަވައާއި މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބްހައުސްގައި ފެށި މަސައްކަތެކެވެ.