
2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ފެށިގެންދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުން މި ދައުރުގެ ފަހު ދުވަސްތައް ގުނަމުންދާއިރު މި ފާއިތުވި 5 އަހަރު ދުއްވާލީ އެއްވެސް ކަމެއް ނުކޮށް ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު މިފަދައިން ވިދާޅުވީ 7000 ޓޫރިސްޓު އެނދާއެކު އައްޑޫއަށް އިންޤިލާބީ ބަދަލެއް ގެންނަ ކަމަށް ބުނެ ސަރުކާރުގެ ސްޕޮންސަރ ނޫސްތަކުގައި ދައުރު ކުރަމުންދާ ޚަބަރުތަކަށް ރައްދު ދެއްވަމުންނެވެ.
އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ފޮޓޯއަށް ދެއްކި ވާހަކަ ތަކެއް ކަމަށާއި، އެކަންކަމަކީ މި 5 އަހަރުގެ ތެރޭގައި ކުރާނެ ކަމަށް 2018 ވަނަ އަހަރު ވައުދުވި ކަންކަން ކަމަށެވެ. އެއާއިއެކު އަމްރު ވިދާޅުވީ މި ހިނގާ 5 އަހަރު ދުއްވާލީ ކަމެއް ނުކޮށް ކަމަށެވެ.
އަމްރު މިފަދައިން ވިދާޅުވެފައިވާއިރު އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 8،000 އެނދު ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު 2018 ވަނަ އަހަރު ވެލެއްވި ރިޔާސީ ވަޢުދެކެވެ.
މީ އިންތިޚާބަށް 3 މަހަށް ވީމަ ފޮޓޯއެއް ދެއްކި ވާހަކަ.
މީ 2018 ގަ 5 އަހަރު ތެރޭގަ ކުރާނެ ކަމަށް ވައުދުވި ކަންކަން.
5 އަހަރު ދުއްވާލީ ކަމެއް ނުކޮށް. https://t.co/BfYM9XQtfp— Amr 🎈 (@HusenAmr) June 4, 2023
އެހެންނަމަވެސް ކުރިއަށްއޮތް އިންތިޚާބާއި ދިމާކޮށް ރައީސް އިބްރާހިމް އާއިއެކު އިންޑިއާގެ ވަފުދެއް އައްޑޫސިޓީ އަށް ވަޑައިގެން ކުރިއަށްދާ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ހަންކެޑެ މަޝްރޫއުއާ ގުޅޭ ގޮތުން ރައީސް އިބްރާހިމް ވިދާޅުވީ، މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫޢުތައް ހިމެނޭއިރު، ޖުމްލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޮޕަރޭޓު ވެގެންދާނެކަމަށެވެ.
މިހާރު ހިނގަމުންދާ މަގުހެދުމާ ބިން އިތުރުކުރުމުގެ މަސައްކަތް ޑިޒައިންވެގެން ކުރިއަށް އެ ދަނީ ހަންކެޑެ ނިމޭއިރު އެތަނާ ގުޅޭ ފުރިހަމަ ޕްލޭނާއެއްގޮތަށް. ހަންކެޑެ މަޝްރޫއުގެ ތެރޭން އައްޑޫ ސިޓީގެ އެހެެން ރަށްތަކަށް ޖުމުލަ 600 ޓޫރިސްޓް އެނދު އިތުރުވާނެ. މިއީ ޖުމުލަ 2682 އެނދު އިތުރުވެގެންދާނެ މަޝްރޫއެއް. މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫތައް ހިމެނޭއިރު، ޖުމުލަ 7000 ޓޫރިސްޓް އެނދު އައްޑޫ ސިޓީގައި އޮޮޕަރޭޓު ވެގެންދާނެ.“- ރައީސް އިބްރާހިމްް-
އައްޑޫ ސިޓީގައި 8،000 އެނދު ޤާއިމުވެފައި ފެންނަން ނެތް ނަމަވެސް, 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އައްޑޫގައި ފަތުރުވެރިކަމަށް 8،000 އެނދު ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު ވެވަޑައިގެންނެވި ވަޢުދު ފުއްދަވާފައިވާކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ ވިދާޅުވެފައެވެ.
ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގައި 8،000 އާއި 12،000 އާ ދެމެދުގެ އަދަދަކަށް ޓުއަރިސްޓު އެނދު ޤާއިމުކުރުމަށް ސަރުކާރުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިހާރު ފުރިހަމަކޮށްފައިވާ ކަމަށެވެ. އެގޮތުން އެނދު ޤާއިމުކުރުމަށް ކައުންސިލަށް ކުރެވޭނެ ހަމައެކަނި ކަމަކީ އެކަމަށް ބޭނުންވާ ބިންތައް ދޫކުރުމާއި ވަސީލަތްތައް ޤާއިމުކުރުންކަމަށް ނިޒާރު ވިދާޅުވިއެވެ. އެހެންނަމަވެސް އައްޑޫގައި ޤާއިމްކުރަން ނިންމާފައިވާ ޓުއަރިސްޓް އެނދުގެ އަދަދު މިއަދު އިއުލާނުކުރެއްވި އިރު އެއްހާސް މަދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ރިޔާސީ އިންތިޚާބާއި ދިމާކޮށް އައްޑޫސިޓީއަށް ސަރުކާރުގެ ވަފްދެއް ވަޑައިގެން އުޅުއްވާއިރު، މި ސަރުކާރުން މި 5 އަހަރަށް އެކުލަވާލި މެނިފެސްޓޯގައި ވަނީ އައްޑޫސިޓީގައި ބޮޑެތި 40 މަޝްރޫޢު ހިންގުމަށް ހިމަނާފައެވެ. އެހެންނަމަވެސް މި ވަޢުދުތައް ނުފުއްދާ މިއަދު އައްޑޫސިޓީގައި ސަރުކާރުން ކުރަމުންދަނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް ކަމަށް އައްޑޫސިޓީގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.