އައްޑޫގައި ތޫނުއެއްޗަކުން ހަމަލާދީ ބޭބެ މަރާލި މައްސަލައިގައި ކޮއްކޮ ހައްޔަރުކޮށްފި

އައްޑޫ ސިޓީ ގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލި މައްސަލައިގައި ނިޔާވި ޒުވާނާގެ ކޮއްކޮ ފުލުހުން ހައްޔަރުކޮށްފިއެވެ.
ރޭ އައްޑޫސިޓީ މަރަދޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލާފައިވާ އަހުމަދު ޝުއެއިބް(27އ) ގެ މަރުގެ މައްސަލާގައި ތުހުމަތު ކުރަނީ އޭނާގެ ކޮއްކޮ ހުސައިން މަވާޒް (25އ) ގެ މައްޗަށެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާއިރު، މައްސަލަ އަންނަނީ ތަޙުޤީޤުކުރަމުންނެވެ.
މަވާޒް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނަގާފައިވަނިކޮށް، އަމިއްލައަށް ސ.ގަން ޕޮލިސް ސްޓޭޝަނަށް އޭނާ ހާޒިރުވީ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
މައުލޫމާތު ލިބިފައިވާގޮތުން މި މާރާމާރީ ހިނގާފައިވަނީ ދެބެންގެ ދެމެދުގައެވެ. އެގޮތުން ބޭބެ ގަޔަށް ކޮއްކޮ ވަޅި ހަރާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް މި މަންޒަރުދުށް ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އަދި ހާދިސާ ހިނގި ވަގުތު ކޮއްކޮ ހުރީ ވެސް މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި ހާދިސާގައި ޒަޚަމްވި ޝުއެއިބް ނިޔާވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.