ޚަބަރު

ދީނުގެ ނަމުގައި ވާހަކަދައްކާ މީހުން ތެދުބުނުމަށް ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭނެ: ޚުޠުބާ

އިސްލާމްދީނުގެ ނަމުގައި ވާހަކަ ދައްކާ މީހުން ތެދު ބުނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޟޫޢުއަކީ ”ތެދުބުނުމަކީ ސުވަރުގެއަށް މަގުފަހިވާ ކަމެކެވެ“ މިއެވެ.

ޚުޠުބާގައި ބުނީ އިސްލާމް ދީނާއިބެހޭގޮތުން ދޮގު ހެދުމަކީ، އެންމެ ބޮޑެތި މުންކަރާތް ތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށާއި، ކީރިތި ﷲ އަށް ނުވަތަ ކައު އިތުރު މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތްކޮށް ޙަޤީޤަތާއި ޚިލާފު ވާހަކަ ދެއްކުމަކީ، ބިރުވެރި ކަމެއް ކަމުގައެވެ. އަދި ދީނުގެ ނަމުގައި ވާހަކަ ދައްކާ މީހުން ތެދު ބުނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ. އަދި މާތް ﷲ ބަސްފުޅެއް އެކަނލާންގެއަށް ނިސްބަތް ކުރުމަކީ އެމީހަކަށް ނަރަކަ ޙައްޤުވާނޭ ފަދަ ބޮޑު ފާފައެއް ކަމަށްވެސް މިއަދުގެ ޚުޠުބާގައި ބުނެފައިވެއެވެ.

”އިންސާނުންނަށް އެބައިމީހުންގެ ހަޔާތް ބިނާކުރުމަށް އަންގަވާފައިވަނީ، ޙައްްޤުގެ މަތީގައި، ހައްޤުނޫން ބަހެއް ނުބުނުމަށާއި، ޙައްޤުނޫން ކަމެއް ނުކުރުމަށް މާތް ﷲ އެބައިމީހުންނަށް އަންގަވާ، މިހެންވެ މުސްލިމުންގެ ޙަޔާތުގައި، ތެދުވެރިވުމަކީ ވަރަށް މުހިންމު ކަމެއް، އިސްލާމީ މުޖްތަމަޢު ބިނާ ކުރެވެން ވާނީ ތެދުގެ މަތީގައި، ދޮގު ވާހަކަތައް ހެދުމާއި އެފަދަ ވާހަކަތައް ފެތުރުމުން އެއްކިބާވެގެން، ތަފާތު ގުޅުންތައް ގާއިމް ކުރެވޭނީ ތެދު ހަޤީޤަތުގެ މަތީގައި“ ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ބުނީ އިސްލާމްދީން ހައްޤަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުން، އެދީން ދޮގުވެރިންނާއި ދެކޮޅަށް ހަނގުރާމަ ކުރާ ކަމަށެވެ. ދޮގުވެެރި ކަމަކީ، ދޮގުހަދާމީހާގެ އަޑިނުބައިކަން ހާމަކޮށްދޭ ސިފައެއް ކަމަށާއި، އެއީ ނުބައި ކަންތައްތަކަށް މީހާ ހުށައެޅޭ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ނުބައި ބައެއް ސިފަތަކަކީ ފަރުވާ ދެވިދާނެ ސިފަތައް ކަމަށެވެ. ނަމަވެސް ދޮގުހެދުމާއި، އޮޅުވައިލުމުގެ މަތީގައި ދިރިއުޅޭ މީހުންނަށް އެކަމުގެ ފަރުވާއެއް ނެތްކަމަށް ވެސް ޚުޠުބާގައި ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button