
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްތަކަށް ފޯރުވަމުންދާ ނުފޫޒުތައް ހުއްޓުވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކިބައިން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެންބަރު އަދި އެޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް އެދިވަޑައިގެންފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ ޖޭއެސްސީއަށް މަޖިލީހުގެ ފަރާތުން ފޮނުވި މެންބަރުވެސް މިހާރު މަސައްކަތް ކުރައްވަނީ ސަރުކާރު ބޭނުންވާ ގޮތަށް ކަމުގައެވެ. އެގޮތުން ޖޭއެސްސީ އިސްވެ އޮވެ ރައީސް ޔާމީންގެ ޝަރީއަތަަށް ”އަތް ބާނާ“ ބޭނުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެކޮމިޝަނުގައ ރައީސް މުހައްމަދު ނަޝީދު އިންނަވައިގެން އެކަން ހުއްޓުވައިދެއްވުމަށް ޝިޔާމް އެދިވަޑައިގަތެވެ.
”އިއްޒަތްތެރި ރައީސްގެ އަރިހުން އެދެން މަސައްކަތް އިތުރަށް ކޮށްދެއްވުމަށް. އަޅުގަނޑަށް އެނގޭ ރައީސް މިހާރުވެސް މަސައްކަތް ކޮށްދެއްވާކަން. އެކަމަކު ޖޭއެސްސީގަ މިއަދު ތިބީ ރައީސް ސޯލިހު ފޮނުވާފަ ތިބި މެންބަރުން ކަމަށްވާތީ އެދެވޭ މަސައްކަތެއް ނުކުރެވެނީ. ކޯޓުތަކަށް އަތްބޭނުން ސަރުކާރުން ހުއްޓާލަން ތަކުރާކޮށް ގޮވާލަން.“ ޝިޔާމް ވިދާޅުވިއެވެ.
ޖޭއެސްސީއަށް މަޖިލީހުގެ ފަރާތުން ފޮނުވި މެންބަރުގެ ގޮތުގައި ޝިޔާމް އިޝާރާތް ކުރެއްވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިނަށެވެ. ހިސާން އަކީ ރައީސް ނަޝީދުގެ ކުރީގެ ގާނޫނީ ވަކީލެވެ. އެކަމަކު އޭނާ މިހާރު މަސައްކަތް ކުރައްވަނީ ރައީސް އިބްރާހީމާއެކުގައެވެ.