ޚަބަރުސިޔާސީ

ރައީސް އިބްރާހީމަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް، އެއީ ބިރުވެރިކަމެއް: އީވާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ ”ދަ ޑިމޮކްރެޓްސް“ ގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ 20:20 އެހާކަންހާއިރު، ކެނެރީގޭ ކައިރިން ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ241 ކޮމެޓީއިން އާންމު ކުރި ރިޕޯޓުން، ނަޝީދަށް ހަމަލާ ދޭން އުޅޭކަން ސިފައިންނަށް އެނގި ހުރެ އެކަން ފުލުހުންނަށް ނާންގާކަން ހާމަވާން އޮތް ކަމުގައެވެ.

”އަދި ރައީސަށް އަންގާފައިވާކަންވެސް ޕަބްލިކް ރިކޯޑުގަ އޮންނާނެ. ސިޔާސީ ހަސަދަވެރިކަމެއްގައި ނުވަތަ ސިޔާސީ ދުޝްމަނަކު ދުއްވާލާއިރު ބަލަން އެބަޖެހޭ ދެން ނީލޯފަރުމަގުގަ ބޮމެއް ގޮއްވާލާއިރު، ނުވަތަ އެހެން ތަނެއްގަވެސް ބޮމެއް ގޮއްވާލާއިރު، ކޮލެޓެރަލް އަކީ އެތާ ކައިރީގަ ހުންނާނީ ކާކުގެ ދަރިއެއްތޯ.“ އީވާ ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ އެމަނިކުފާނު އަވަހާރަކޮށްލަން މާލޭގެ ތިން ސަރަހައްދެއްގައި ބޮން ހަރުކޮށްގެން އުޅޭކަމުގެ މައުލޫމާތު ސަރުކާރަށް ސާފުކޮށް އެނގޭނަކަން ފާހަގަކުރައްވައިފިއެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ”ގޮއްވާލަން“ މޭރީ ބްރައުން ކައިރިންނާއި، އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅު ކަމަށްވާ މ.ޔާގޫތުގެ ކައިރިންނާއި އަދި އެމަނިކުފާނުގެ ގެކޮޅު ކަމުގައިވާ ގ.ކެނެރީގޭ ކައިރިން އުޅުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައެވެ.

އެ ހުރިހާ މައުލޫމާތެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާ ކުރެއްވި ކަމަށާއި 2021 ވަނަ އަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ 20:20 އެހާކަންހާއިރު، ކެނެރީގޭ ކައިރިން ނަޝީދަށް ދިން ބޮމުގެ ހަމަލާގެ ތަހުގީގުންވެސް އެކަން ސާފުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި އެއީ ސާފުވާ މިންވަރަށް ސަރުކާރަށް އެނގެން ހުރި ކަންކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button