ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭން ދަތުރުތައް ފަށަނީ!

މި އަންނަ ހަފްތާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމުގެ ރިޔާސީ ކެމްޕޭނު ފެށުމުގެ ގޮތުން އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން އަތޮޅުތެރެއަށް ވަޑައިގަންނަވާނެކަމަށް ހާމަކޮށްފި އެވެ.

އެކަން ހާމަކުރައްވާފައި ވަނީ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އިދިކޮޅު ކޯލިޝަން ވަގުގީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުالله އެވެ.

އަބްދުއްރަޙީމް ވިދާޅުވީ މިއަދު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހިފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ ކެމްޕޭނު ދަތުރަށް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން މިހާރު ލީޑަރޝިޕްގެ މެދުގައި މަޝްވަރާތައް ވެސް ކުރެވިފައިވާ ކަމަށެވެ.

”އަޅުގަނޑުމެން ކުރަންވީ ކަމަކީ އެހެން ހުރިހާކަމެއް ހުއްޓާފަ ރައީސް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ކުރަންވީ. އަޅުގަނޑުމެންގެ ލީޑަޝިޕްގެ މެދުގައި ވާހަކަދައްކާފަ އޮންނާނީ މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކު އަޅުގަނޑުމެންގެ ޓީމުތައް އަތޮޅުތެރެއަށް ދަތުރުކުރަމުން ގެންދާގޮތަށް. ރައީސް ޔާމިނުގެ ކެމްޕޭނުގައި“ އަބްދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ނިންމާފައިވަނީ އިދިކޮޅު އިއްތިހާދުގެ ޖޮއިންޓް ކައުންސިލްގެ އިއްތިފާޤުނންނެވެ. އަދި އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގެ ތެރެއިން އެމަނިކުފާނަށް ރިޔާސީ ޓީކެޓު ރަސްމީކޮށް ވަނީ ހަވާލުކުރައްވާފައެވެ.

އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހު ވ. އާރަށުގެ މައްސަލައާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ޙުކުމާއި ގުޅިގެން އެމަނިކުފާނު މިވަގުތު ގެންދަވަނީ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ނެވެ. އެހެންނަމަވެސް ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވަނީ ނުޙައްޤު ޙުކުމެއްކަން ފާހަގަކޮށް އެމަނިކުފާނުގެ ފަރާތްޕުޅުން އެ މައްސަލަ ހައިކޯޓުގައި އިސްތިޢުނާފުކޮށްފައި ވާއިރު، ވަރަށް އަވަހަށް އެ މައްސަލަ ފެށިގެންދާނެ ކަމަށް އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަނީ ވިދާޅުވެފަ އެވެ. މިއާއެކު އެެ މައްސަލަ ކާމިޔާބުކުރައްވާ ރައީސް ޔާމީން މިނިވަންވެ ވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށްވެސް އިދިކޮޅު ޕީޕީއެމާއި އެމަނިކުފާނުގެ ޤާނޫނީ ޓީމުން ގެންދަވަނީ ވިދާޅުވަމުން ނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button