ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް ކެޕްޓަން އަމީން، ޑެޕިއުޓީ އަށް ނާޒިމް ހަމަޖައްސައިފި

އަންނަ ރިޔާސީ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކެމްޕޭން މެނޭޖަރަކަށް ކެޕްޓަން މުހައްމަދު އަމީން އަދި ޑެޕިއުޓީ މެނޭޖަރަކަށް ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އައްޔަންކޮށްފިއެވެ.

އެ ދެ ބޭފުޅުންނާއި މަޤާމުތައް ހަވާލުކޮށްފައި ވަނީ ރޭ އެ ކޯލިޝަނުން ބޭއްވި ”މަވެސް ޕީޕީއެމް“ ޖަލްސާގައެވެ.

ކެމްޕޭން މެނޭޖަރުކަމަށް ހަމަޖެއްސި ކެޕްޓަން އަމީން އަކީ 2019 ވަނަ އަހަރާ ހަމައަށް މޯލްޑިވިއަންގެ ފްލައިޓް އޮޕަރޭޝަންސް ޑިރެކްޓަރުގެ މަޤާމް އަދާކުރައްވާފައިވާ ބޭފުޅެެކެވެ. އަދި ޑެޕިއުޓީ ކެމްޕޭން މެނޭޖަރުކަމަށް ހަމަޖެއްސި ނާޒިމް ވަނީ ރައީސް ޔާމީން ސަރުކާރުގައި އެޑިޔުކޭޝަން މިނިސްޓަރު ކަމުގެ މަޤާމް އާއި ހެލްތު މިނިސްޓަރުގެ މަޤާމު އަދާކުރައްވާފައެވެ.

ރިޔާސީ އިންތިޚާބު ކުޑަތަންވެފައިވާއިރު، ދަޢުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ގެ ދައުވާ ސާބިތުވެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ދަނީ 11 އަހަރުގެ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ. އާރަށުގެ މުއާމަލާތާއި ގުޅުވާ އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ މިދިޔަ ޑިސެމްބަރު މަހުގެ 25ގައި ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ޙުކުމެވެ.

ރައީސް ޔާމީން އަށް ދެމުންދަނީ ނުހައްޤު އަނިޔާއެއް ކަމަށާއި، އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ވާދަނުކުރެވޭ އިންތިޚާބެއް ޤަބޫލު ނުކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ރައީސް ޔާމީން އަށް ތާއީދު ކުރައްވާ ފަރާތްތަކާއި އެނޫން ފަރާތްތަކުންވެސް ބުނަމުންދަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އިންސާފުވެރި ވާނީ ރައީސް ޔާމީން އަށް ވާދަކުރެވޭގޮތް ހެދެމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button