ޗާގޯސް ސަރަހައްދުން ދަތުރުކުރި ޗައިނާ މަސްބޯޓެއްގެ ފަޅުވެރިން ގެއްލިގެން ހޯދަނީ

ޗާގޯސް ސަރަހައްދުން ދަތުރު ކުރި ޗައިނާ މަސްބޯޓެއްގެ ފަޅުވެރިން ގެއްލިގެން ހޯދަން ފަށައިފިއެވެ.
މެރިޓައިމް ބުލެޓިން އިން ރިޕޯޓު ކުރިގޮތުގައި ޗައިނާގެ ލޯންގްލައިނަރެއް ކަމަށްވާ ލޫ ޕެންގް ޔުއަން ޔޫ 28 އިން ދަތުރު ކުރީ 39 މީހުންނެވެ. އެއީ ޗައިނާގެ 17 މީހުނާއި، އިންޑޮނޭޝިޔާގެ 17 މީހުންގެ އިތުރުން ފިލިޕީންސްގެ 5 މީހުންނެވެ.
އެ ބޯޓަކީ އެފްރިކާގެ ކޭޕްޓައުނުން މިމަހުގެ 3 ވަނަ ދުވަހު ފުރައިގެން ރާއްޖޭގެ ދެކުނުން 0 ޑިގްރީ ހުރަސްކޮށް ޗައިނާއަށް ދިއުމަށް މިސްރާބު ޖަހާފައިވާ ބޯޓެކެވެ. މެރިޓައިމް ބުލެޓިން އިން ބުނާގޮތުން އެ ބޯޓު ބަންޑުން ޖަހާލީއެވެ. އާންމުގޮތެއްގައި އެފްރިކާއާއި އާއި ޗައިނާ އާއި ދެމެދު ދަތުރުކުރާ މަސްބޯޓު ތަކާއި މުދާ އުފުލާ ބޯޓުތައް ދަތުރު ކުރަނީ ރާއްޖޭގެ ދެކުނުން އައްޑޫ އަތޮޅާއި ޗާގޯސް އާއި ދެމެދުންނެވެ.
މިކަމާ ގުޅިގެން ”ބޮންތި“ އިން އެމްއެންޑީއެފްގެ ތަރުޖަމާނާއި ސުވާލު ކުރުމުން ވިދާޅުވީ ފަޅުވެރިން ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދަކީ އޮސްޓްރޭލިއާގެ ސާޗް އެންޑް ރެސްކިއު ސަރަހައްދު ކަމަށާއި ރާއްޖޭގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުން އެގައުމުގެ ސާޗް އެންޑް ރެސްކިއު ޓީމާ މުއާމަލާތު ކުރަމުން ގެންދާ ކަމުގައެވެ.
ޗާގޯސްއާ ދިމާލަށް 90 މޭލު ބޭރަށް ނިކުތް ހުވަދޫ މަސްދޯންޏަކަށް އެ ސަރަޙައްދުގައި އޮތް މަނަވަރަކުން، އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގައި އިންޒާރުދިން ކަމަށް މަސްވެރިންގެ ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމުގައިވާ ”މަސްވެރިން އޮންލައިން“ އިން ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު ރިޕޯޓް ކޮށްފައެވެ.
ގިނަ ދުވަހު ކަނޑުމަތީގައި މަޑުކޮށް، މަސްވެރިކަން ކުރެވޭ ގޮތަށް ފަރުމާކޮށްފައި ތިބޭ ޒަމާނީ މަސްދޯނިތަކުން ބޭރުބައެއްގެ އުނދަގުލަކާ ނުލާ އައްޑޫގެ ދެކުނަށް މަސްވެރިކަން ކުރުމަށް ނުކުމެވޭނީ ކިތަށް މޭލަށްތޯ އާއި 140 މޭލަށް ދެވޭނެ ތޯ މަސްވެރިން ވަނީ މި ހާދިސާ އާއި ގުޅިގެން ސުވާލު އުފައްދާފައެވެ.
ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ނިމުނީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށެވެ.