ޚަބަރު

އެންސްޕާ ބަޖެޓުން 55 އިންސައްތަ ހުސްވެއްޖެ

މި އަހަރަށް ކަނޑައަޅާފައިވާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ބަޖެޓުގެ ތެރެއިން 55 އިންސައްތަ ހުސްވެފައިވާކަން ފިނޭންސް މިނިސްޓްރީެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރު ފެށިގެން މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އެންސްޕާއަށް ވަނީ 1061 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މި އަހަރުގެ ބަޖެޓުގައި އެންސްޕާއަށް ކަނޑައަޅާފައިވަނީ 1920.3 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ހިސާބުތަކަށް ބަލާއިރު އެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ޚަރަދުކޮށްފައިވާކަން ތަފާސް ހިސާބުތައް ދައްކައެވެ.

އެންސްޕާއިން އާންމުގޮތެއްގައި ކަވަރު ކުރަނީ އާސަންދައިން ކަވަރު ނުކުރެވޭ ކަންކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރަން ދާ ފަރާތްތަކުގެ ޓިކެޓާއި ފައިސާ ދިނުމާއި ރާއްޖޭގައިވެސް ހާލު ބޮޑު ފަރާތްތަކަށް އާސަންދައިގެ ބޭރުން ކުރަންޖެހޭ ޚަރަދުތައް އެންސްޕާއިން ބަލަހައްޓައެވެ.

އެންސްޕާ ބަޖެޓުގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑުބައި ހުސްވެފައިވާއިރު، ޤައުމީ ހެލްތު އިންޝިއުރެންސް ސްކީމް (އާސަންދަ) ބަޖެޓުގެ 80 އިންސައްތަ ޚަރަދުކުރެވިފައިވާކަން ތަފާސް ހިސާބުތަކުން ވަނީ ހާމަވެފަ އެވެ. މި މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް އާސަންދައަށް 862 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއަހަރުގެ އާސަންދައިގެ ޖުމްލަ ބަޖެޓަކީ 1045 މިލިއަން ރުފިޔާ އެވެ.

އެންސްޕާ އަދި އާސަންދައިގެ ބަޖެޓުގެ ބޮޑުބައެއް ހުސްވެފައިވާއިރު، އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ހެލްތު ސްކީމުގެ ބޭނުން މި ސަރުކާރުން ނަހަމަ ގޮތުގައި ހިފަމުންދާކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނުން ދަނީ ސަރުކާރަށް ކުރަމުންނެވެ.

One Comment

  1. މެޑަމް ހާސްނުވޭ! ހުސްވީމާ އިތުރު ކުރާނެއޭ! ޖީޑީޕީ 100 ބިލިޔަނަށްވުރެން މައްޗަށް އަރައިފިއޭ! އޯކޭ!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button