ޚަބަރުސިޔާސީ

ކޮންޓްރެކްޓަރުންގެ ކެޕޭސިޓީ ނުހުންނާތީ ސަރުކާރުގެ މަޝްރޫޢުތައް ބަޖެޓާ އެއްގޮތަށް ކުރިއަށް ނުދަނީ: އަސްލަމް

ސަރުކާރުގެ މަޝްރޫޢުތައް ބަޖެޓާ އެއްގޮތަށް ކުރިއަށް ނުދާ ސަބަބަކީ ކޮންޓްރެކްޓަރުންގެ ކެޕޭސިޓީ ނުހުންނާތީވެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީޤު ވަނީ ސަރުކާރުން އެކި ރަށްރަށުގައި ހިންގުމަށް ބަޖެޓުކޮށްފަ ހުންނަ މަޝްރޫއުތައް އެ އަހަރުގެ ތެރޭގައި ނުހިނގާތީ އެކަމާ ގުޅިގެން ސުވާލު އުފައްދާފައެވެ. މި ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައި ވަނީ ބަޖެޓުގައި ހުންނަ ހުރިހާ ޕްރޮޖެކްޓެއްގެ މަސައްކަތް ބަޖެޓުކޮށްފަ ހުންނަ ސްޕީޑުގައި ކުރިއަށް ނުދާކަމަށް އެމަނިކުފާނުވެސް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

މި ކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރުމުގައި ކޮންޓްރެކްޓަރުންގެ ލިމިޓޭޝަންސް ހުރުމާއި އެމީހުންގެ ކެޕޭސިޓީ ނެތުމެވެ. މިނިސްޓަރު އަސްލަމް ވިދާޅުވެފައިވަނީ، “ އަޅުގަނޑުވެސް ޤަބޫލު ކުރަން ބެޖެޓުގައި ހުންނަ ހުރިހާ މަސައްކަތެއް އެ ހުންނަ މިންވަރަށް ނުކުރެވޭ މަސައްކަތް ހުންނަކަން. ރާއްޖޭގައި މަސައްކަތް ކުރުމުގައި ކޮންޓްރެކްޓަރުންގެ ލިމިޓޭޝަނާ އެ ހުންނަ ކެޕޭސިޓީ އޭގެ ބޮޑު އެއް މައިގަނޑު ސަބަބަކީ.“ އެވެ.

އިތުރަށް ވިދާޅުވެފައިވަނީ، ”ބައެއް ފަހަރު ބަޖެޓުގައި އަދަދު ޖަހާފަ ހުރޭ ވަރަށް ކުޑަ މިންވަރަކަށްވެސް އެހެންވީމާ ބަޖެޓުގައި އެ އަހަރެއްގައި ނުހުންނަ މިންވަރަށް ނުގެންދެވޭ ހާލަތުވެސް އަސްލުގަ އާދޭ. އެއީ މަސައްކަތް ފަށާފަ، ބަޖެޓުގައި ކުޑަ މިންވަރެއް ޖަހާފަ ހުރެއްޖިއްޔާ ޕްރޮގްރެސިވް ޕޭމަންޓްސް ނުހެދޭނެތީ ތަންކޮޅެއް ފަހަތަށް ގެންގޮސްފައިވޭ.“ އެވެ.

2021 ވަނަ އަހަރުން ފެށިގެން ބަޖެޓުކޮށްފައި އޮންނަ ނ.ވެލިދޫ އަދި އެ އަތޮޅު ޅޮހީ ބަނދަރުގެ މަސައްކަތުގެ ވާހަކަ މަޝްރޫއުތައް ބަޖެޓާ އެއްގޮތަށް ކުރިއަށް ނުދާކަމުގެ މިސާލެއްގެ ގޮތުގައި މެންބަރު ޝަފީޤު ވަނީ ދައްކަވާފައެވެ. އޭނާ ވިދާޅުވެފައިވަނީ މިދިޔަ އަހަރު ނިމެނިކޮށް އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިތުރު އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށެވެ.

އެމްޓީސީސީއާއި އެ ދެ ރަށުގެ މަސައްކަތް ހަވާލުކޮށް، މަސައްކަތް މިހާރު އޮތީ އީއައިއޭ ސްޓޭޖްގައި ކަމަށް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، ގިނަ ރަށްރަށުގައި ސަރުކާރުން ބަޖެޓުކޮށްފައި ހުންނަ މަޝްރޫޢުތައް ބުނާ މުއްދަތަށް ނުފެށުމާއި ނުނިންމޭކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button