
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް އަދި އިދިކޮޅުގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ވާދަކުރެއްވުމުގެ ފުރުޞަތު ހޯދައި ދެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އެހީތެރިކަމަށް އެދިއްޖެ އެވެ.
މިކަމާއިގުޅިގެން އީޔޫގެ، ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ފޯރ އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ، މަޖިލީހުގެ ރައީސްގެ އަރިހަށް އިއްޔެ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތަށް ފަހު މަޖިލީހުގެ އިދާރާގައި ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދަވާފަ އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް، މިސް ޕައޯލާ ޕަމްޕަލޯނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި pic.twitter.com/1R6ScaHDMh
— People's Majlis (@mvpeoplesmajlis) May 10, 2023
އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުރުން، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އަދި އިދިކޮޅުގެ ފަރާތުން ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް އުމަރު އާއި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
ބައްދަލުވުމާއި ގުޅިގެން ”ބޮންތި“ ނޫހަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ޕީޖީ ލީޑަރ އާދަމް ޝަރީފް އުމަރު ވިދާޅުވީ އެ ބައްދަލުވުމުގައި އިދިކޮޅު ކޯލިޝަންގެ ފަރާތުން ވަނީ ރައީސް ޔާމީންއާއި މެދު ސަރުކާރުން ޢަމަލުކުރަމުންދާ ގޮތުގެ ކަންބޮޑުވުން ހިއްސާ ކުރަށްވާފައިކަމަށެވެ. އަދި މި ބައްދަލުވުމުގައި މަޖްލިސް ރައީސް ނަޝީދުވެސް ވަނީ މިކަމާއި ގުޅިގެން މަޝްވަރާ ކުރައްވާފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގައި ރައީސް ޔާމީންއަށް ވާދަނުކުރެވޭ ގޮތަށް އިންތިޚާބު ބޭއްވިގެން ނުވާނެ ކަމަށާއި، އެކަމުގެ ކަންބޮޑުވުން ހިއްސާކުރެވުނު ކަމަށެވެ. އަދި އީޔޫގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންވެސް މިކަން ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އީޔޫގެ ވަފްދާއިއެކު އިއްޔެ ކުރިއަށްދިޔަ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށާއި އުންމީދުތަކެއް ލިބިގެން ދިޔަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
”ރާއްޖޭގެ ޑިމޮކްރަސީގައި ރައީސް ޔާމީންއަށް ވާދަނުކުރެވޭ ގޮތަށް އިންތިޚާބު ބޭއްވިގެން ނުވާނެ ކަމަށާއި، އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރިން. އެ ބޭފުޅުންވެސް މިކަން ޤަބޫލު ކުރައްވާ. ވަރަށް ޕޮޒިޓިވްކޮށް ބައްދަލުވުން ދިޔައީ“
އާރަށް މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނަށް އަރުވާފައި ވަނިކޮށެވެ.