ޚަބަރުސިޔާސީ

93 ދާއިރާގެ މަޖިލިސް މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މާޗު17 ގައި ބޭއްވުމަށް ހަމަޖައްސައި، މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ14 ވަނަ ދުވަހުގެ މެންދުރުފަހު14:00 ވަންދެން ފޯމު ހުށަހެޅޭނެކަމުގައެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން،  ފޯމާއި ތަކެތި ހުށަހަޅަންވާނީ އިންތިޚާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ 2024 ޖަނަވަރީ 30 ވާ އަންގާރަ ދުވަހުން ފެށިގެން 2024 ފެބުރުވަރީ 14 ވާ ބުދަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް

(ހ) ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް އިންތިޚާބުކުރެވޭ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.

  1. ދިވެހި ރައްޔިތަކަށްވުން.
  2. ބޭރު ޤައުމެއްގެ ރައްޔިތަކަށް ނުވުން.
  3. މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން.
  4. އުމުރުން 18 (އަށާރަ) އަހަރުވެފައިވާ މީހަކު ކަމުގައިވުން.
  5. ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

(ށ) ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާ ނަމަ، އެމީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެމީހަކު ދިވެހި ރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ފުރުމަށްފަހުއެވެ. އަދި އެ މީހަކީ ދިވެހިރާއްޖޭގައި ދިރިއުޅެމުންދާ މީހަކުކަމުގައި ވާންވާނެއެވެ.

(ނ) އަންނަނިވި ޙާލަތްތަކުންކުރެ ޙާލަތެއްގައިވާ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްބުގައި ބައިވެރި ނުވެވޭނެއެވެ.

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ މީހަކު ކަމުގައިވުން.
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

ކޮމިޝަނުގެ އިއުލާނުގައިވާ، އެނގުން މުހިންމު މައުލޫމާތު

ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އިންތިޚާބަށް ކުރިމަތިލާ ކޮންމެ ކެންޑިޑޭޓަކު އެމީހަކު އިންތިޚާބަށް ކުރިމަތިލުމުގެ ކުރިން، އެމީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓަކު ކަނޑައަޅަންވާނެއެވެ. އަދި އެ މާއްދާގައިވާގޮތުން، ރަސްމީ އިންތިޚާބީ އޭޖެންޓްގެ އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.

  1. އެ އިންތިޚާބުގައި ކުރިމަތިލާފައިވާ ކެންޑިޑޭޓެއްކަމުގައި ނުވުން.
  2. އެ އިންތިޚާބުގެ ކަންތައްތައް އިލެކްޝަންސް ކޮމިޝަނުން އަންގާ ގޮތެއްގެމަތިން ބެލެހެއްޓުމަށް ޙަވާލުކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  3. އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުން.
  4. އެ އިންތިޚާބެއްގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިނުވާ މީހަކު ކަމުގައި ނުވުން.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި ލިޔުންތަކާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެއެވެ.

  1. ފުރިހަމަ ނަން.
  2. އުފަން ތާރީޚް.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު).
  4. ދާއިމީ އެޑްރެސް (އަތޮޅާއި ރަށާއި އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް).
  5. މިހާރު ދިރިއުޅޭ އެޑްރެސް (އަތޮޅާއި، ރަށާއި، އެޑްރެސް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގައިވާގޮތަށް).
  6. ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ނަމާއި މަޤާމުތަކުގެ ނަން.
  7. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވާނެ ރަސްމީ އެޑްރެސް (ގުޅޭނެ ފޯނު ނަންބަރު، އީމެއިލް އެޑްރެހާއެކު).
  8. ކުރިމަތިލާ މީހާގެ އީމެއިލް އެޑްރެސް.
  9. ޕާސްޕޯޓް ސައިޒުގެ 1 ފޮޓޯ (ކުލަ) (އިންތިޚާބާ ގުޅިގެން ކޮމިޝަނުން އާންމުކުރެވޭ ބައެއް ލިޔެކިއުންތަކުގައި ބޭނުންކުރާނީ މި ފޮޓޯއެވެ.)
  10. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީގެ ނަން.
  11. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާގުޅޭ އެންމެހައި ޚަރަދުތައް ކުރުމަށްޓަކައި، އިންތިޚާބުގެ ބޭނުމަށް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި އިންތިޚާބުގެ ޚަރަދުތަކަށް އެކަނި ޚާއްސަކޮށް އަލަށް ހުޅުވި އެކައުންޓްގެ ނަމާއި، އެކައުންޓް ނަންބަރު.
  12. އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ، އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓުގެ ނަމާއި، ދާއިމީ އެޑްރެހާއި، ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް.
  13. ރަސްމީ އިންތިޚާބީ އޭޖެންޓުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު (ދިވެހި ރައްޔިތެއްކަން އަންގައިދޭ   މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ފޮޓޯކޮޕީއަކާ އެކު).
  14. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހުން ދައްކަންޖެހޭ -/5،000 (ފަސް ހާސް) ރުފިޔާގެ އިދާރީ ފީ. (އިދާރީ ފީ ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޕީ.އޯ.އެސް މެޝިން ބޭނުންކޮށްގެންނެވެ. (ނަގުދު ފައިސާ ބަލައި ނުގަންނާނެއެވެ.)
  15. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ، މަދުވެގެން 50 (ފަންސާސް) މީހުން، އެމީހަކަށް ތާއީދުކުރާކަން، އަންގައިދިނުމުގެ ގޮތުން، އެމީހުންގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެހާއި،  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި، ސޮއި، ފޯނު ނަންބަރު ހިމެނޭ ލިޔުން އަދި މުއްދަތު ހަމަނުވާ އައި.ޑީ ކާޑު ކޮޕީ (އެ ލިޔުމުގައި ސޮއިކޮށްފައިވާ މީހުންނަކީ އެ އިންތިޚާބީ ދާއިރާއަކަށް ކުރިމަތިލާ އެހެން ކެންޑިޑޭޓަކަށް ސޮއިކޮށްފައިވާ ބަޔަކުކަމުގައި ވެގެން ނުވާނެއެވެ.)
  16. ސިޔާސީ ޕާޓީއެއްގެ ފަރާތުން ކުރިމަތިލާނަމަ، އެމީހަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އެކަން ކަށަވަރުކޮށްދޭ އެ ސިޔާސީ ޕާޓީގެ ސިއްކަ ޖަހާފައިވާ ޤަރާރު.
  17. އެމީހެއްގެ ރަސްމީ އިންތިޚާބީ އޭޖެންޓްގެ ގޮތުގައި ހުށަހަޅާފައިވާ މީހާ އެކަން ޤަބޫލުކޮށްފައިވާކަމުގެ އިޤްރާރު.
  18. އެމީހަކު އެ އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ.
  19. އެމީހަކު ވޯޓުކަރުދާހުގައި ޙާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ޤަސްދުކުރާނަމަ އެ ނިޝާން/ލޯގޯ (”2 x ”2 ސައިޒުގައި).
  20. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށް ވެފައިވާނަމަ، އެމީހަކު ދިވެހިރައްޔިތަކަށްވީތާ 5 (ފަހެއް) އަހަރު ވެފައިވާ ކަން އަންގައިދޭ ކަމާބެހޭ ރަސްމީ ފަރާތުގެ ލިޔުން.
  21. 2023 ޑިސެންބަރު 14 ން ފެށިގެން ފަހުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ،  ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއްކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ރިކޯޑު. (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސާފުކުރަންޖެހޭ ރެކޯޑު ސާފުކުރެވޭނީ https://www.mira.gov.mv/extended/TaxClearance  މި ލިންކް މެދުވެރިކޮށެވެ.)
  22. 2023 ޑިސެންބަރު 14 ން ފެށިގެން ފަހުގެ ތާރީޚެއްގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ މީހާގެ ރަސްމީ އިންތިޚާބީ އޭޖެންޓްކަމަށް ހުށަހަޅާ މީހާގެ، ދަރަންޏާއި، ކުށުގެ ރެކޯޑު ސާފުކުރި ފޯމު އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އެއްވެސް ފައިސާއެއް ދެއްކުމަށް ދިވެހިރާއްޖޭގެ ކޯޓަކުން ހުކުމެއްކޮށްފައިވާނަމަ އެ އޮތޯރިޓީން ސާފުކޮށްފައިވާ ރިކޯޑު. (މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ސާފުކުރަންޖެހޭ ރެކޯޑު ސާފުކުރެވޭނީ https://www.mira.gov.mv/extended/TaxClearance މި ލިންކް މެދުވެރިކޮށެވެ.)
  23. ސީޑީ/ޕެންޑްރައިވް (ވޯޓުކަރުދާހުގައި ޖެހުމަށް، ކެންޑިޑޭޓުގެ ޕާސްޕޯޓް ސައިޒު ކުލަ ފޮޓޯއާއި، އިންތިޚާބުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ އެ ނިޝާނެއް/ލޯގޯ، ވޯޓު ކަރުދާހުގައި ނިޝާނެއް/ލޯގޯއެއް ބޭނުންކުރާނަމަ، އެ ނިޝާނެއް/ލޯގޯގެ ސޮފްޓް ކޮޕީ (JPEG ފޯމެޓުގައި)، އަދި އަމިއްލަގޮތުން ކުރިމަތިލާ މީހެއް ނަމަ، ތާއީދު އޮތްކަން ހާމަކުރާ 50 މީހުންގެ ފުރިހަމަނަމާއި، ދާއިމީ އެޑްރެސް އަދި އައިޑީ ކާޑު ނަންބަރު (އެކްސެލް ފޯމެޓްގައި، ތާނައިން).

ފޯމު ހިފައިގެން އަންނަނީ ކުރިމަތިލާ މީހާ ނޫން އެހެން މީހެއްނަމަ، ފޯމު ހިފައިގެން އަންނަ މީހެއްގެ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ އަޞްލު ގެންނަން ޖެހޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހުގެ އިރުއޮއްސި 6:45 ގައެވެ. ވޯޓު ނަގާ ދުވަހު އިންސާނީބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވެއެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2024 މާރިޗު 24 ވާ އާދީއްތަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް  ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ފޯމު ޑައުންލޯޑު ކުރެވޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button