ޚަބަރު
ޗާގޯސް މައްސަލަ: ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ސިލްސިލާ ބައްދަލުވުންތަކެއް

ދިވެހިރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ގެއްލުމާއިގުޅިގެން ކުރިއަށްދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ސަރުކާރާއި ވާދަވެރި ޕީޕީއެމް ޕީއެންސީ ކޯލިޝަނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާއިފިއެވެ.
ބައްދަލުވުމަށްފަހު ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ދޫކޮށްލާފައިވާ މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ވަނީ ޕީޕީއެމް އާ ބައްދަލުކޮށް މުހިއްމު މަޢުލޫމާތުތަކެއް އެއްކޮށްފައިކަމަށެވެ.
މީގެއިތުރުން މި މައްސަލައިގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާ ތެރެއިން އިއްޔެ ޑރ. މުޙައްމަދު މުނައްވަރާ އެކުވެސް ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

ޢިލްމުވެރިންގެ ގުޅުމުން ބުނީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙު އާއި އަދި މިނިސްޓްރީ އޮފް ޑިފެންސްގެ އިސް ބޭފުޅުންނާއި ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަށް އެދި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިއަދުވަނީ ސިޓީ ލާފައި ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ބައެއް ގެއްލިގެން ދިއުމާއި ގުޅިގެން މީގެ ކުރިން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. ބައްދަލުވުމާއިގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ބައްދަލުވުމަކީ މުސްލިމް ނޫން ދަޢުލަތަކަށް ދިވެހި ސަރުކާރުން ދޫކޮށްލުމާ ގުޅިގެން ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.
މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވި ޢިލްމުވެރިން ވިދާޅުވީ ބައްދަލުވުމުގައި ޗާގޯސް މައްސަލައަކީ ހަމައެކަނި ސިޔާސީ ނުވަތަ ޤައުމީ މައްސަލައެއްގެ އިތުަރަށް ދީނީ
އެތައް ޙުކުމްތަކެއް ގުޅިފައިވާ ނުރައްކާތެރި އަދި ބޮޑު މައްސަލައެއް ކަމާއިމެދު ވަރަށް ފުޅާކޮށް ބަހުސްކުރެވިފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުންބައެއް ގެއްލިގެންދިއުމާއި ގުޅިގެން ޢިލްމުވެރިން ހިމެނޭހެން ރާއްޖޭގެ ގިނަ ސިޔާސީ ފިކުރުތައް އެއްކޮށް މިފަދަ މަޝްވަރާ ބައްދަލުވުންތައް ދަނީ ބާއްވަމުންނެވެ.