ޚަބަރުސިޔާސީ

ފުއްގިރި މައްސަލަ: އިސްތިޢުނާފު އަޑުއެހުންތައް ނިމި ޙުކުމް އިއްވުން ހޯމަ ދުވަހަށް

ރ. ފުއްގިރި މައްސަލައިގައި ޝަރީޢަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިޢުނާފުގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

އެ މައްސަލައިގައި ރައީސް ޔާމިންގެ ފަރާތްޕުޅުން އިސްތިއުނާފީ 3 ނުކުތާއެއް ވަނީ އިއްޔެގެ އަޑުއެހުމުގައި ހުށައަޅާފަ އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ފުއްގިރި މައްސަލައިގައި ހެކިންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔަތުގެ ހެކިބަސް ހިމެނޭއިރު، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައި ވެސް ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުރި ދަޢުވާތައް އަނބުރާ ގެންގޮސްފައިވާކަން ހިމެނެއެވެ.

މީގެ އިތުރުން އެ މައްސަލައިގައި ދަޢުވާ އުފުލާފައިވާ މއ. ކުރިކީލަހިޔާ އަޙުމަދު ކްރިކް ރިޒާގެ ފަރާތުން އިސްތިޢުނާފީ ނުކުތާތައް ހުށައެޅުމެވެ. އެގޮތުން އިއްޔެގެ އަޑުއެހުމުގައި ކްރިކް ރިޒާގެ ފަރާތުން 4 ނުކުތާއެއް ވަނީ ސުޕްރިމް ކޯޓަށް ހުށައަޅާފަ އެވެ. އޭގެ ތެރޭގައި ދައުވާ ހުށައެޅުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް ހުށައެޅި 2 ހުށައެޅުމަކާއި، ހެއްކާ ގުޅޭ 2 ހުށައެޅުމަކާއި ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވާތީ އިސްތިޢުނާފު ކުރި ނުކުތާތަކެއް ހިމެނެއެވެ.

ކްރިކް ރިޒާގެ ފަރާތުން ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކޮށްދިނުމަށް އެދިފައެވެ. އެގޮތުން ކްރިކް ރިޒާގެ މައްޗަށް ދަޢުވާ އުފުލަން ޖެހޭނީ ޤާނޫނުލް އުޤޫބާތުގެ ދަށުންކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.

ރ .ފުއްގިރި މައްސަލައިގައި ދަޢުވާ އުފުލާފައިވާ ފަރާތްތަކުން ސުޕްރީމްކޯޓުގައި އިސްތިޢުނާފުކޮށްފައިވާ މައްސަލައިގައި އެ ފަރާތްތަކުން ހުށައަޅާ އިސްތިޢުނާފީ ނުކުތާތައް ހުށައެޅުމަށްފަހު ދަޢުލަތުން ވަނީ އެ ނުކުތާތަކަށް ރައްދުދީފަ އެވެ.

އިއްޔެގެ އަޑުއެހުން ނިންމާލައްވާފައިވަނީ އެ މައްސަލައާއި ގުޅިގެން ދެފަރާތުން ދައްކަން ހުރި ހުރިހާ ވާހަކަތަކެއް ހުށައެޅުމަށް ފަހުގައެވެ. އަޑުއެހުންތައް ނިންމަވާލައްވަމުން މައްސަލަ ބައްލަވން ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ހުސްނުއްސުޢޫދު ވިދާޅުވީ އެ މައްސަލައާއި ގުޅިގެން އަންނަ ހޯމަ ދުވަހަށް ގޮތެއް ނިންމާ ޙުކުމް އިއްވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ ފުއްގިރި މައްސަލައާއި ގުޅޭގޮތުން އެ ކޯޓަށް ހުށައަޅާފައިވާ އިސްތިޢުނާފު މައްސަލަ ނިމެންދެން ދަށުކޯޓުގައި ކުރިއަށްދާ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button