ޚަބަރު
ކޮޅުފުށީ ފެނަކައިގަ ހުރި ކަރަންޓު ކޭބަލްތަކެއް ވަގަށް ވިއްކާލައިފި
މ.ކޮޅުފުށީ ފެނަކައިގަ ހުރި ކަރަންޓު ކޭބަލްތަކެއް ވަގަށް ވިއްކާލައިފިއެވެ.
އިތުބާރު ހުރި މަސްދަރަކުން ”ބޮންތި“ އަށް މައުލޫމާތު ލިބިފައިވާގޮތުގައި މިކަން ރާވާ ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ކަމުގެ ތުހުމަތު އެތަނުގެ މުވައްޒަފުން ކުރަނީ ކޮޅުފުށީ ފެނަކައިގެ މެނޭޖަރު މޫސާ ޖަމީލަށެވެ. މިކަމާ ގުޅިގެން މޫސާ ޖަމީލުގެ ބަހެއް ލިބޭތޯ މި ނޫހުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
ފެނަކައަކީ ކޮރަޕްޝަން ހިންގުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ އުހުގައި ފިޔާ ޖަހަމުންދާ ކުންފުންޏެކެވެ.
އެކުންފުނިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު މާލެއާއި ރަށްރަށުގެ ކުދި ވިޔަފާރިތަކަށާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާއަށް ދަރައި، ކުންފުނި މިހާރު އޮތީ ބަނގުރޫޓުވުމާއި ގާތުގައެވެ.