
ސަޕްލަޔަރުންނަށް ދޭނެޖެހޭ ފައިސާ ފެނަކަ ކޯޕަރޭޝަނުން ނުދިނުމުގެ ސަބަބުން އެމީހުން މުޒާހަރާ ކޮށްފިއެވެ. އެކި ހިދުމަތްތައް ފޯރުކޮށްދޭ ސަޕްލަޔަރުންނަށް ފައިސާ ނުދޭތީ މިއީ އެމީހުން މިއަހަރު މުޒާހަރާ ކުރި ދެވެނަ ފަހަރެވެ.
ބުރާސްފަތި ދުވަހު ގިނަ އަދަދެއްގެ ސަޕްލަޔަރުން، އެމީހުންގެ ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތައް ހިފައިގެން މާލޭ ފެނަކަ އޮފީސް ކުރިމައްޗަށް އެއްވެ، މުޒާހަރާ ކޮށްފައިވާއިރު، ސަޕްލަޔަރުން ވަނީ އެމީހުންގެ މަސައްކަތަށްވާ ފައިސާ ދިނުމަށާއި، އެ ފައިސާ ދޭން ”ފެއިލްވެފައިވާ“ ފެނަކައިގެން މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު މަގާމުން އިސްތިއުފާ ދިނުމަށް ގޮވައިފައެވެ.
ސަޕްލަޔަރުން ބުނީ، އެމީހުންނަށް ފައިސާ ދޫކުރަނީ ސީދާ އެމްޑީ ސައީދުގެ އޯޑަރަށް އެކަންޏެވެ. އެކަމަކު ސަޕްލަޔަރުންނަށް ފައިސާ ނުދީ، އެމީހުންނަށް ޖަވާބުދާރީވާން ވެސް ފެނަކައިން އުޒުރުވެރިވެފައިވާ ކަމަށް ސަޕްލަޔަރުން ބުނެފައިވެއެވެ.
ސަޕްލަޔަރުން ވަނީ އެމީހުންނަށް ފެނަކައިން ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ އޭޕްރީލް މަހު ވެސް މުޒާހަރާކޮށްފަ އެވެ. އަދި ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސް ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ވެސް ގަރާރެއްވެސް ވަނީ ހުށަހަޅައިފައެވެ.