ޚަބަރުސިޔާސީ

ފުޅަދޫގައި ސީޕްލޭން ޖެއްސޭނެ ހިދުމަތް ހަމަޖައްސައި ދެވޭނެ: ޑރ. މުއިއްޒު

ބ. ފުޅަދޫގައި ޓޫރިޒަމް އިތުރަށް ފުޅާކޮށް ސީޕްލޭން ޖެއްސޭނެ ހިދުމަތް ހަމަޖައްސައި ދޭނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އެ އަތޮޅުގެ ފުޅަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ފަތުރުވެރިކަން ބ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ވެސް ފުޅާ ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
“މިރަށަށް ސީދާ ސީޕްލޭން ޖެއްސޭނެގޮތް ހަމަޖެހިގެންދާނެ” މުއިއްޒު ވިދާޅުވިއެވެ.

ފުޅަދޫއަކީ ލޯކަލް ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ރަށެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ޓޫރިޒަމް ފުޅާކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އެންމެ މުހިއްމު ކަމަކީ ފުދުންތެރި ރައްޔިތުންތަން ތަކަކަށް ހުރިހާ ރައްޔިތުން ހެދުން ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކޮށްގެން ގެސްޓް ހައުސް އިތުރުކޮށްދޭން ފަހި ގޮތްތައް ހޯއްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ފުޅަދޫއަށް ޓޫރިސްޓުން ގެނައުމާއި ގެންދިއުމަކީ ބޮޑު ދަތިކަމެއްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ އޭނާއަށް އިތުރުބާރު ކޮށް ފުރުސަތު ދެއްވައިފިނަމަ ފުޅަދޫގެ ރައްޔިތުން އެދޭ ގޮތަށް ދަތުރުފަތުރު ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އެގޮތުން މުއިއްޒު ވަނީ އެެއާޓެކްސީގައި ސީދާ ފުޅަދުއަށް އާދެވޭނެ ހިދުމަތް ހަމަޖައްސައި ދެއްވާނެ ކަމަށް ވައުދު ވެވަޑައިގެންފައެވެ.

މުއިއްޒު ވިދާޅުވީ ފުޅަދޫ ފަދަ ޓޫރިޒަމް ދާއިރާގައި ކުރިއަރަމުން އަންނަ ރަށެއްގައި އެވަރުގެ ދަތުރުފަތުގެ ދަތިކަން ހުރެގެންވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެ ވަރުގެ ލޯކަލް ޓޫރިޒަމެެއް އޮތް ރަށެއްގައި ދަތުރުފަތުރުގެ ދަތިކަން ހުރުމަކީ ސަރުކާރުން އިސްކަމެއް ދޭން ޖެހޭ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އިތުރު ފުރުސަތުތައް ޓޫރިޒަމް ދާއިރާގެ ފަހިވެގެން ދާއިރު ފައިސާ ޖަމާކޮށް ފައިސާ ނެގޭނެ ނިޒާމެއް ބެހެއްޓޭތޯ މަސައްކަތް ކޮށްދެއްވާނެ ކަަމަށެވެ. އަދި ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ކޮށްދެއްވާނެ ކަމެއް ކަމަށާއި އެގޮތުން ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމަކަށް ފުޅަދޫގެ ސިއްހީ ނިޒާމު ހައްދަވައި ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް އަދި ކޮންމެ ކަމެއްގައިވެސް ތަފާތުކުރުމެއް ނެތި އެކަމެއް ކޮށްދެއްވާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތެއްވެސް މުހިއްމު ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފުޅަދޫއިން މުއިއްޒަށް ލިބިވަޑައިގެންނެވީ 37 ޕަސެންޓެވެ. އަދި 54 ޕަސެންޓް އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ހޯއްދަވާފައެވެ.

މުއިއްޒު ވިދާޅުވީ ދެވަނަ ބުރުގައި އިތުރު ވޯޓު ހޯދަން ފުޅަދޫގެ ރައްޔިތުން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button