
ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުކަމުގައި ހުންނެވި އިބްރާހީމް ވަހީދު (އިބުރޭ) އައްޔަންކުރައްވައިފިއެވެ. އިބުރޭ މި މަގާމަށް އައްޔަން ކުރައްވާފައިވަނީ އެމަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ ނައިބުރައީސް މުހައްމަދު ޝިފާޒު މަގާމުން ވަކިކުރެއްވުމަށްފަހުއެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި ޝިފާޒު މަގާމުން ވަކިކުރެއްވުމާއެކު، މެންދުރުގެ ވަގުތެއްގައި ރައީސް އިބްރާހިމް ވަނީ އެމަގާމުގެ ފަތްކޮޅު އިބުރޭއަށް ދެއްވާފައެވެ. އިބުރޭވަނީ މީގެ ކުރިން ފެނަކަ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވާފައެވެ. އެމަގާމުން އިބުރޭ އިސްތިއުފާ ދެއްވީ އެ ކުންފުނީގެ އެމްޑީ އަހްމަދު ސައީދާމެދު ހިތްހަމަޖެހިވަޑައިނުގެން، ސައީދަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި އެފަހުން އިބުރޭ ފެނުނީ އެމްޑީޕީގެ ކަންކަމުގައި އިސްކޮށް އުޅުއްވާތަނެވެ.
އިބުރޭއަކީ ކުރިން ރައީސް ނަޝީދާއި އަރިސް ބޭފުޅެކެވެ. ނަމަވެސް މިހާރު އެބޭފުޅާ ހުންނެވީ ރައީސް އިބްރާހިމުގެ ފަޅީގައެވެ. މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓެއް ހޯދުމަށް ބޭއްވި ޕްރައިމަރީ އިންތިހާބުގައި ވެސް އިބުރޭވަނީ އިސްކޮށް މަސައްކަތް ކުރައްވާފައެވެ. އަދި އެންޑީޕީ ޗެއާޕާސަން ހޮވުމަށް ބޭއްވި އެތެރޭގެ އިންތިހާބުގައި ފައްޔާޒުގެ ކެމްޕެއިން ހިންގެވީ ވެސް އިބުރޭއެވެ.