ރައީސް އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ދެމީހަކު ދޫކޮށްލައިފި
އިދިކޮޅުން ބޭއްވި މުޒާހަރާއެއްގެ ތެރެއިން ރައީސް އިބްރާހިމްގެ މޮޓޯކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެމީހަކު ދޫކޮށްލައިފިއެވެ. މީގެ ތެރޭގައި ހިމެނެނީ 39 އަހަރުގެ އަންހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މި ދެމީހުން ދޫކޮށްފައިވަނީ އެމީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޟިރުކުރުމަށްފަހު ޝަރުތުތަކެއް ކުރުމަށްފަހުގައިކަމަށް މައުލޫމާތު ލިބެއެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކު ފިޔަވައި ދެންތިބި އަނެއް ހަތަރު މީހުން މި މަހު 20 ވަނަ ދުވަހު ހައްޔަރު ކޮށްފައިވާއިރު އަނެއް މީހާ ހައްޔަރުކުރީ މި މަހު 24ވަނަ ދުވަހުއެވެ.
މި ފަސް މީހުންގެ ތެރެއިން 20ވަނަ ދުވަހު ހައްޔަރުކުރި އަންހެން މީހާގެ ބަންދަށް މި މަހު 21ވަނަ ދުވަހު ކޯޓުން ފަސްދުވަސް ޖަހާފައިވާއިރު 24 ވަނަ ދުވަހު ބަންދުކުރި މީހާގެ ބަންދަށް ވެސް ކޯޓުން ދިނީ ފަސްދުވަހެވެ. ނަމަވެސް ބާކީ ތިބި ތިން މީހުންގެ ބަންދުގެ މުއްދަތަކަށް ޖަހާފައިވަނީ 15 ދުވަހެވެ.