ޚަބަރު

ސުލްހަވެރި މުޒާހަރާތަކަށް ހުރަސް އެޅުމާއި، މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިން ހައްޔަރުކުރުން ކުށްވެރިކުރަން: އެމްނެސްޓީ

ސުލްހަވެރި މުޒާހަރާތަކަށް ހުރަސް އެޅުމާއި، ސުލްހަވެރި މުޒާހަރާކުރާ ފަރާތްތަކާއި ނޫސްވެރިން ބޭއިންސާފުން ހައްޔަރުކުރާކުރުން ކުށްވެރިކުރާކަމަށް، އެމްނެސްޓީ އިންޓަނޭޝަނަލް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް، ހިއުމަން ރައިޓްސް ވޮޗް އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޑިމޮކްރެސީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ޖަނަވަރީ 10 ވަނަ ދުވަހު ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓެއްގައި އެ ޖަމިއްޔާތަކުން ބުނެފައިވަނީ، އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް އިއްވި ހުކުމާއި ގުޅިގެން، އިދިކޮޅު ފަރާތްތަކުން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަށް ދިވެހި ފުލުހުން ހުރަސް އަޅަމުންދާކަމަށާއި، މުޒާހަރާތަކުގެ ބައިވެރީންނަށާއި ނޫސްވެރިންތައް ނުހައްގުން ހައްޔަރުކުރާ ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މީގެ އިތުރުން، ޚިޔާލުފާޅުކުރުމުގެ ޙައްޤާއި، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ އިންސާނީ ޙައްޤުތައް ދިފާޢުކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކަންތައްތައް ކަމަށްވާއިރު ފުލުހުންގެ ޢަމަލުތަކުގެ ސަބަބުން، މި ޙައްޤުތައް ޙިމާޔަތްކުރާ ގާނޫނުތަކާއި ގަވާއިދުތަކަށް ރާއްޖެއިން ހުރަސްއަޅާކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ޚިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤުތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މިނިވަންކަމަށް ހުރަސް އެޅުމުގައި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް، އެ ޖަމިއްޔާތަކުން ހިއްސާކޮށްފައިވެއެވެ.

އެއްވެ އުޅުމުގެ ގާނޫނުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ، ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ 24 ވަނަ މާއްދާއާ ހިލާފުކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމައެއާއެކު، ސެލްހަވެރި އެއްވުންތަކުގައި، މީހުންގެ ނަސްލާއި، ދީނާއި، ޖިންސާއި، ބަހާއި، ސިޔާސީ ފިކުރާއި ނުވަތަ އެހެނިހެން ކަންކަމުގައިވެސް ތަފާތު ކުރުމެއްނެތި، މިނިވަންކަމުގެ ހައްގު ފަހިކޮށްދީ، ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް، ދިވެހި ފުލުހުންގެ ޙިދުމަތަށް އެ ޖަމިއްޔާތަކުން ވަނީ ގޮވާލާފައެވެ. އަދި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނާ އެއްގޮތްވާގޮތުގެ މަތިން ރާއްޖޭގެ ގާނޫނުތައްވެސް ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކުން އެއްބައިވެގެން މަސައްކަތްކުރުމަށާއި، އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މިހާރުގެ މެންބަރެއްގެ ހައިސިއްޔަތުން، ބައިނަލްއަޤްވާމީ މަސްއޫލިއްޔަތުތަކާ ޚިލާފަށް ރާއްޖެއިން ކުރާ ޢަމަލުތައް ބަދަލުކުރަންޖެހޭ ކަމަށްވެސް އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުންގެ އަމަލުތަކާއި ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގައި އެކަމުގައި ޝާމިލުވާ ފުލުހުން ޖަވާބުދާރީކުރުމަށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ގޮވާލާފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button