
ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހިންގާ ހައުސިން މަޝްރޫއުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަނުދީ ގިނަ ދުވަސްވާ މައްސަލައިގައި އިންޑިއާ އެމްބަސީ ކައިރީ ކުރި މުޒާހަރާ ކަވަރުކުރަމުން ދިޔަ ”ވޮއިސް“ ނޫހުގެ ޗީފް އެޑިޓަރ ޝަފްރާޒަށް ފުލުހުން އިންޒާރުދީފިއެވެ.
އެއްވި ފަރާތްތަކާއި ބައްދަލުކުރުމަށް އިންޑިއާ އެމްބެސަޑަރު ދެކޮޅު ހައްދަވާ، އެމްބަސީއަށް ވަނުމަށް ފުލުހުން ހުރަސްއެޅުމާއި ގުޅިގެން އިންޑިއާގެ މަސައްކަތްތެރިން ވަނީ އިންޑިއާ އެމްބަސީ ކައިރީ މުޒާހަރާކޮށްފައެވެ. އެވަގުތު އެ މަންޒަރުތައް އާންމު ރައްޔިތުންނާއި ހަމަޔަށް ވަގުތުން ގެނެސްދެމުން ދިޔަ ހަމައެކަނި ނޫސްވެރިޔާ ވޮއިސްގެ ޗީފް އެޑިޓާ ޝަފްރާޒު އަހުމަދަށް ފުލުހުން ވަނީ ހުރަސްއަޅާފައެވެ.
ފުލުހުންވަނީ މުޒާހަރާގެ މަންޒަރުތައް ރިކޯޑު ނުކުރުމަށާއި، އެ މަންޒަރުތައް ރިކޯޑުކުރާނަމަ ހައްޔަރުކުރާނެކަމުގެ އިންޒާރު ވެސް ދީފައެވެ. ފުލުހުން ޢަމަލުކުރިގޮތާ ގުޅޭގޮތުން ޝަފްރާޒް ވަނީ އެ ކަންބޮޑުވުންތައް އޭނާގެ ޓްވިޓާގައި ހިއްސާކުރައްވާފައެވެ. އަދި އޭނާގެ ވާޖިބަށް ހުރަސްއެޅި ފުލުސްމީހާގެ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ.
ޝަފްރާޒުގެ ޓްވިޓާގައި އޭނާ ހިއްސާކުރި ވީޑިއޯގައި ފުލުހުން ޤާނޫނާއި ޚިލާފަށް ޢަމަލުކުރި މަންޒަރު ފެނިގެންދެއެވެ. އަދި އޭނާގެ މަސައްކަތަށް ހުރަސްއެޅި ފުލުސް އޮފިސަރުގެ ސާވިސް ނަންބަރު ކިޔާދިނުމަށް އެދުމުން ސާވިސް ނަންބަރު ދައްކަން ނުޖެހޭނެކަމަށް ވެސް ފުލުސްމީހާ ވަނީ ބުނެފައެވެ.
India muvazafun ge interview naga huttaa photo gai fenna fulu vanee huttuvaafa, ithurah interview nagaa nama hayyaru kuraane kamah bune inzaaru dheefa. Interview nagaafa vanee mi kosheege aneh kolhuga fuluhunnah udhagoonuvaa hisaabuga. @mjamaldives @mmc_mv pic.twitter.com/KljIubLST2
— SHAFRAZ (Voice.mv) 🇲🇻 (@XefroX) March 29, 2023
މީގެ އިތުރުން ނޫސްވެރިޔާ ޝަފްރާޒް ވީޑިއޯ ކުރަމުންދިޔަ ފޯނުގެ ކެމެރާގައި އަތްއަޅާ އޭނާ ކޮއްޕާ ފުލުހުން ވަނީ ފަހަތަށް ޖައްސާފައެވެ. ފުލުހުން ނޫސްވެރިޔާ ޝަފްރާޒުގެ މަސައްކަތަށް ހުރަސްއަޅާފައިވަނީ އޭނާއަތުގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ އެކްރިޓެޑް ފާސް ވެސް އޮއްވައިކަން ފާހަގަކޮށްލެވެއެވެ.
Few months to the Maldivian presidential election, Covering protests and opposition demonstration becoming onerous for Maldivian journalists. @PoliceMv should not stand in the way of press freedom. Police brutality against journalists is mounting.@mmc_mv @mjamaldives pic.twitter.com/6AkXJQDmQv
— MALDIVES VOICE.MV (@voicemv_eng) March 29, 2023
ފަހަކަށް އައިސް ދިވެހި ފުލުހުން ނޫސްވެރިންގެ ވާޖިބަށް ހުރަސް އަޅަމުން އަންނަ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން ސަރުކާރާއި އިދިކޮޅު ޕީޕީއެމްގެ މުޒާހަރާތައް ކަވަރުކުރަމުންދާ ނޫސްވެރިންނަށް ފުލުހުން އިންޒާރުދީ ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް ކުރިމަތިވަމުންދާ މައްސަލަތައް މިހާރުވެސް އެކި ކޮމިޝަންތަކަށް ހުށައަޅާފައިވާއިރު، ދާދިފަހުން ފުލުހުންގެ ފަރާތުން ޗެނަލް13 ގެ ނޫސްވެރިއަކަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށްވެސް ގެންދަން ޖެހުނެވެ. އަދި އިތުރު ބައެއްނޫސްވެރިން ހައްޔަރުކުރުމާއި ނޫސްވެރިޔަކު ގޭބަންދުކުރި މައްސަލައެއްވެސް މިއަހަރުގެ ތެރޭގައިވަނީ ފެންމަތިވެފައެވެ.
ނޫސްވެރިންނަށް ރާއްޖޭގައި ދިމާވަމުންދާ ގޮންޖެހުންތަކާއި، ފުލުހުންގެ ފަރާތުން ލިބޭ އިންޒާރުތަކާ ގުޅިގެން މިފަދަ މައްސަލަތައް ނޫސްވެރިކަމުގެ ބެެލެނިވެރި ފަރާތްތަކަށް ހުށަހެޅި ނަމަވެސް އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ބަލާފައިނުވާކަން ފާހަގަކޮށްލެވެއެވެ.