
ރ. ފުއްގިރި މައްސަލައިގެ ހެކި ބަލައިގަތުމާއި ގުޅޭގޮތުންއިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުނާފު ނިމެންދެން ދަށު ކޯޓުގައި ހިނގަމުންދާ ފުއްގިރި މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކްރިމިނަލް ކޯޓަށް ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ގޮތުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ގިނަ ހުށަހެޅުންތަކެއް ބަލައިނުގަތުމަށް އެ ކޯޓުގައި މައްސަލަ ބައްލަވާ ގާޟީ އަލީ ނަދީމް ނިންމެވި ނިންމެވުން ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި ކުރިއަށްގެންދިޔައެވެ.
ރައީސް ޔާމީންގެ ޤާނޫނީ ވަކީލު ޝިޔާޒު ވިދާޅުވީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާކަމުގެ ނޯޓިސް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ. އަދި ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މިހާރުވެސް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށާއި، ހައިކޯޓަށް ހުށައެޅި މައްސަލަ ނިމެންދެން ފުއްގިރި މައްސަލަ އިތުރަށް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މި ހުށައެޅުއްވުމާއި ގުޅިގެން ދަޢުލަތުން ބުނީ ހައިކޯޓުގައި އޮތް އިސްތިއުނާފު މައްސަލަ ނިމެންދެން ފުއްގިރި މައްސަލަ މަޑުޖައްސާލުމަށް ދައުލަތުން އިއުތިރާޒު ނުކުރައްވާކަމަށެވެ. އެހެންނަމަވެސް މިއަދުގެ އަޑުއެހުމުގައި ހައިކޯޓުން މިކަމާއިމެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރި ކަންކަން ޚުލާސާކޮށް ކޯޓަށް ހުށައެޅުމެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށައަޅާފައިވާ އިތުރު މައްސަލައެއްގެ އިސްތިއުނާފު މާދަމާ އަށް ވަނީ ތާވަލްކޮށްފައެވެ.
މިއަދު ހައިކޯޓުގައި ކުރިއަށްދިޔަ އިސްތިއުނާފްގެ އަޑުއެހުމުގައި ގާތްގަނޑަކަށް 1 ގަޑިއިރު ހޭދަކުރުމަށްފަހު ރައީސް ޔާމީން ވަނީ އަނބުރާ މާފުށީ ޖަލަށް ވަޑައިގަންނަވާފަ އެވެ.