
ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްސަލައިގެ އިސްތިއުނާފު އިސްލާހަށްފަހު އަލުން ކޯޓަށް ހުށަހަޅައިފިއެވެ.
މިގޮތަށް ކަންތައްކޮށްފައިވަނީ، ނިމިދިޔަ ޑިސެންބަރު މަހު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ރައީސް ޔާމީނުގެ މައްޗަށް އިއްވި 11 އަހަރު ދުވަހުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ފޯމް އިސްލާހުކުރުމަށްފަހު އަލުން ހުށަހެޅުމަށް ހައިކޯޓުން އަންގާފައިވާތީއެވެ.
އޭރުގެ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހްމަދު ޝަކީލް ކުރެއްވި އެ ހުކުމުގައި ގާނޫނީ އަދި ޝަރުއީ ގިނަ މައްސަލަތަކެއް ހުރިކަމަށާއި އެ ހުކުމުގައި ފުރިހަމަވާންޖެހޭ ގިނަ އިޖުރާއީ ކަންތައްތައް ފުރިހަމަނުވާއިރު، އެ މައްސަލައިގައި ހުކުމްކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ވިދާޅުވެފައިވެއެވެ.
ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އެއް ހުކުމެއްގައި ކްރިމިނަލް ކޯޓުން ހުކުމްކުރިނަމަވެސް އިސްތިއުނާފުކުރަން ހައިކޯޓަށް ހުށަހެޅަހަޅާއިރު ވަކި ވަކިން ދެ ދައުވާގެ ބައި އިސްތިއުނާފަށް ހުށަހެޅުމަށް ހައިކޯޓުން ވަނި ރައީސް ޔާމީނުގެ ވަކީލުންނަށް އަންގާފައެވެ. އަދި އަލުން ހުށަހަޅާއިރު އެ މައްސަލައިގައި ހައިކޯޓަށް ދިފާއީ ޓީމުން ހުށަހެޅި ބޭރުގެ ކޯޓުތަކިގެ ގަޒިއްޔާތަކުގެ ތަރުޖަމާތައް ހުށަހެޅުމަށްވެށް ހައިކޯޓުން އެންގިއެވެ.