ނޫސްވެރިޔާ ޖުމާން އަނިޔާވެރިގޮތަކަށް ހައްޔަރުކޮށްފި

ޖަލަށް ލާފައިވާ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅުން މިރޭ ކުރިޔަށް ގެންދަމުން ދިޔަ މުޒާހަރާގައި އަވަސް އޮންލައިންގެ ނޫސްވެރިޔާ ހުސެއިން ޖުުމާން ( ޖުމްޓީ) މަގުމައްޗައް ވައްޓާލުމަށްފަހު އަނިޔާވެރިގޮތަކަށް ފުލުހުން ހައްޔަރުކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ހުއްދަ ދީފައިވާ ފާސް އަޅައިން މުޒާހަރާ ކަވާރ ކުރަމުން ގެންދިޔަ އަވަސް އޮންލައިންގެ ނޫސްވެރިޔާ ހައްޔަރުކުރި މަންޒަރު އެ ސަރަހައްދުގައި ހަރަކާތްތެރިވި ”ބޮންތި“ ގެ ނޫސްވެރިއަކަށް ވަނީ ފެނިފައެވެ. ޖުމާންގެ ފޯނުގައި ފުލުހަކު ޖެހުމަށްފަހު ފޯނު ބިންމައްޗަށް ވައްޓާލައި އޭނާ ނަގައިގެން ވެހިކަލްއަށް އެރުވީއެވެ.
ފުލުހުންގެ ވެހިކަލްގައި ހުރެ ޖުމާން ”ބޮންތި“ އަށް މައުލޫމާތު ދިންގޮތުގައި އޭނާގެ މޭމަތީގައި އެސްއޯ ފުލުހަކު ވަނީ ވަރަށް ބާރަށް ޖަހާފައެވެ.
”އަޅުގަނޑަށް ސިފަވީ މާރާމާރީ ހިންގާ ޖަމާއަތަކުން ބަޔަކު މީހުން ނަގާ އުކަމުން ދުވާ މަންޒަރު. ދެން އެމަންޒަރު ކަވާ ކުރަން ކައިރިވީތަނާ ޖަހާ ކޮއްޕާ ވައްޓާލީ.“ ޖުމާން ބުންޏެވެ.
މިހާރަކަށް އައިސް ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުންގެ ފަރާތުން އެކިވަރުގެ އަނިޔާތައް އަންނަނީ ލިބެމުންނެވެ.