ޚަބަރުސިޔާސީ

ރައީސް ޔާމީނުގެ ވެރިކަމުގައި ހަލުވިކަމާއެކު މަޝްރޫއުތައް ނިންމުނީ، މަސައްކަތުގެ އަހުލާގުގެ ސަބަބުން: ޢައްސާނާއި މުއިއްޒު

”ހޯޕް ކޮންފަރެންސް“ ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފުރަތަމަ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ނައިބުރައީސް އަދި މާލެ ސިޓީ ކައުންސިލުގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްސާން ވަނީ ރައީސް ޔާމީނުގެ ވެރިކަމުގައި ހަލުވިކަމާއެކު ރާއްޖެއަށް ތަރައްގީ ގެނެވުނު ސަބަބުތައް ވިދާޅުވެދެއްވާފައެވެ.

”ރައީސް ޔާމީނަކީ އިޤުތިޞާދީ ދާއިރާއިން ކިޔަވާވިދާޅުވެގެން ހުންނެވި ބޭފުޅެއް. 1978 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މަސައްކަތްކުރެއްވީ ދިވެހި ސަރުކާރުގައި. އެންމެ އާދައިގެ ލެވެލްގެ ވަޒީފާއިން ފެށިގެން މައްޗަށް ވަޑައިގަންނަވަމުން 2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވީ. ސަރުކާރުގެ ތެރެއިން ކަންކަން ނުކުރެވޭ ސަބަބުތަކާއި ހުންނަ ދަތިތައް ވަރަށް ރަނގަޅަށް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ. ޤާނޫނު ހަދާ މަޖިލީހުގައި ގިނަ ދުވަހު މަސައްކަތްކުރެއްވުމުން ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ކަންކަން ފަސޭހައިން ކުރެވޭނެ ގޮތްތައްވެސް އެނގިވަޑައިގަންނަވާ،“ ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައި ހުންނެވި އައްސާން މައުމޫން ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ހަލުވިކަމާއެކު ތަރައްގީގެ މަޝްރޫއުތައް ނިންމުނީ ވެރިކަމުގައި ރައީސް ޔާމީން ހުންނެވުމުންނެވެ. އަދި އެމަނިކުފާނަކީ މުރާލިކަމާއެކު މަސައްކަތްތައް ނިންމަވާ ބޭފުޅެއްކަން ފާހަގަކުރަމުން އައްސާން ވިދާޅުވީ، ކެޕްޓަނެއްގެ ގޮތުގައި ހުންނަވައިގެން މީހުން މަސައްކަތަށް ފޮނުއްވީ، ކަންތައްކުރަންވީ ގޮތް ފުރިހަމައަށް އެނގިވަޑައިގެން ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމިނުގެ ވެރިކަމުގައި ތަރައްގީ މަޝްރޫއުތައް ހަލުވިކަމާއެކު ނިންމާލެވުނު އަނެއް ސަބަބަކީ ރައީސް ޔާމީނުގެ މަސައްކަތު އަޚުލާގު ކަމަށް އައްސާން ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީނާއެކު މަސައްކަތްކުރެއްވި ބޭފުޅެއްގެ ހައިސިއްޔަތުން ފާހަގަކުރެވުނު ބައެއް ކަންތައް އައްސާނު ހިއްސާކުރެއްވިއެވެ. އެގޮތުން ރައީސް ޔާމީނަކީ ކޮންމެ ދުވަހަކުވެސް 8:30 ގެ ކުރިން އޮފީހަށް ވަޑައިގަންނަވާ ބޭފުޅެއްކަމަށާއި، ރައީސް އޮފީހަށް ވަޑައިގެންނެވުމުގެ ކުރިން މުވައްޒަފުން ނިންމަންޖެހޭ ބައެއް މަސައްކަތްތައް ހުންނަން ޖެހޭނީ ނިމިފައިކަމަށެވެ.

ރައީސް ޔާމީނު މަސައްކަތްކުރައްވާ ދުވަސްތަކުގެ ތެރެއިން ދުވަހެއް ހޭދަވާގޮތް ސިފަކޮށްދެއްވަމުން އައްސާން ވިދާޅުވީ ހެނދުނު 8:30އަށް ރައީސް އޮފީހަށް ވަޑައިގަންނަވާއިރަށް، ކޮންމެ ޑިޕާޓުމަންޓަކުންވެސް ރައީސްގެ މޭޒުކޮޅަށް ނޯޓުތަކެއް ފޮނުވަންޖެހޭކަމަށެވެ. އަދި 10:30 ގަ އާއި 1:00 ޖަހާއިރުވެސް ރައީސް ގެ މޭޒުކޮޅަށް ނޯޓުތައް ފޮނުއްވަން ޖެހޭ ކަމަށެވެ.  އަދި މިފަދައިން ލިބިލައްވާ ނޯޓުތަކުގެ ޖަވާބު އަނެއް ނޯޓުތައް ލިބިލެއްވުމުގެ ކުރިން ފޮނުއްވާކަމަށާއި، މޭޒުކޮޅު އެއްކޮށް ކުލިއާ ނުކުރައްވައި ރައީސް އޮފީހުން ނިކުމެވަޑައިނުގަންނަވާކަމަށެވެ.

”[ރައީސް ޔާމީން] އެންމެ ދުވަހަކުވެސް މޭޒުކޮޅު އެއްކޮށް ކުލިއާ ނުކުރައްވައި ވަޑައިނުގަންނަވާނެ. ރައީސަކީ ވަރަށް މުރާލިކަމާއެކު މަސައްކަތަކީ ކޮބައިކަން އެނގިގެން މީހުންނާ މަސައްކަތް ހަވާލުކުރަންޖެހެނީ ކިހިނެއްކަން ދެނެވަޑައިގެން ހުންނަވައިން މި މަސައްކަތްތައް ހަވާލުކުރެއްވި ވެރިއެއް. އެހެންކަމުން ރައީސަށް ހޯއްދެވި ކާމިޔާބު ހޯއްދެވުމުގެ ސަބަބަކީ ސީދާ ރައީސް ޔާމީން،“ ޣައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހައުސިންގް މިނިސްޓަރުކަން ކުރެއްވި ޑރ. މުއިއްޒު ވަނީ އައްސާނުގެ ވާހަކަފުޅަށް އިތުރަށް ބާރުދެއްވައި ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނު، ކޮންމެ ދުވަހަކުވެސް މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވައި، ވުޒާރާތަކާއި ކުންފުނިތަކުގެ އިސްވެރިންނަށް ގުޅުއްވައި މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހޯއްދަވައެވެ. އަދި އިސްވެރިންނާއި ބައްދަލުކުރައްވާކަމަށާއި، މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅިގެން އިރުޝާދުދެއްވަވާ ކަމަށްވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނަކީ އަމަލީ ގޮތުން މަސައްކަތްތައް ލީޑުކުރެއްވި ބޭފުޅެއްކަން ފާހަގަކޮށް، ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަކީ، މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް، އެކި އެކި ކަންކަން ފަހިކޮށްދެއްވަވާ ބޭފުޅެއްކަމަށާއި، ސުނާމީ ހައުސިންގ މަޝްރޫއަކީ އޭގެ މިސާލެއްކަމަށެވެ. އެއީ ރައީސް ޔާމީނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ނުނިމި ދިހަ އަހަރު ވެފައިވާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ މަސައްކަތްތައް ބައެއް ރަށްރަށުގައި ކުރިއަށް ނުގޮސް މަޑުޖެހިފައި އޮއްވާ، އެ މަސައްކަތައް ނިންމަވައިދެއްވާނެކަމަށް ރައީސް ޔާމީނު ވަޢުދުވެވަޑައިގެންނެވިއެވެ. އަދި އެ މަސައްކަތް ނިންމުމަށް ކަންކަން ފަހިކޮށްދެއްވުމަށްޓަކައި ހައުސިންގ މިނިސްޓްރީއަށް ފުރިހަމަ ބާރުދެއްވައި، ފިނޭންސް މިނިސްޓްރީއިން އެ މަޝްރޫއަށް ހާއްސާ ޓީމެއް ނަންނަގަވައި އެ ޓީމުން އޭރު މަސައްކަތްތައް ނުނިމި ހުރި ރަށް ރަށަށް ގޮސް، ގަވާއިދުގެ ތެރެއިން މަސައްކަތްތައް އަވަސް ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވިއެވެ. އެ މަސައްކަތްތައް 2014 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމަވާލެއްވިކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

[(މަޝްރޫޢު ނިންމީ) ހުރިހާ ކަމެއްވެސް އެންމެ ބާރަށް ގެންދެވޭނެ ގޮތަށް ކަންކަން ފަހިކޮށްދެއްވައިގެން. ކޮންމެ ދުވަހަކު، ޑައިލީކޮށް އެ މަޝްރޫޢުގެ ކަންކަން ދާ ގޮތް އެމަނިކުފާނު ބައްލަވާ،“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

”ހޯޕް ކޮންފަރެންސް“ ގެ ފުރަތަމަ ސެޝަނުގައި އައްސާނާއި މުއިއްޒުވަނީ، ރައީސް ޔާމިނުގެ ވެރިކަމުގައި އެމަނިކުފާނުގެ މޭޒަށް ފޮނުއްވާފައިހުރި ނީޓުތަކުގެ ތެރެއިން ބައެއް ނޯޓުތައް ދައްކަވާލައްވާފައެވެ. ”އަޅުގަނޑު ބޭނުންވަނީ ވިދުވަރެއްހައި އަވަސްކޮށް މަޝްރޫއުތައް ނިންމަން“ އެތަނުން އެއް ނޯޓުގައި ރައީސް ޔާމީނު ވިދާޅުވެފައިވެއެވެ. އަދި އެހެން ނޯޓަކާއި ގުޅިގެން މައުލޫމާތުތަކެއް އަލުން ޗެކްކުރުމަށްވެސް އިރުޝާދު ދެއްވާފައިވެއެވެ.

ރައީސް ޔާމީނު ސިފަކުރެއްވި ހަލުއި ވިދުވަރެއްހައި އަވަސް ދުވެލީގެ މިސާލެއްގެ ގޮތުގައި ރަސްފަންނު ހެއްދެވިގޮތް ފުދޭކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެ މަޝްރޫއަކީ މާލޭގެ ރަބީއީ ގޮނޑުދޮށަކާއި އެއްގޮތް ބީޗެއް ތަރައްގީކުރެއްވުމަށް ބޭނުންފުޅުވެގެން ރައީސް ޔާމީނު ވަރަށް ގާތުން މަސައްކަތް ބެއްލެވި މަޝްރޫއެކެވެ. އެގޮތުން، އެ ބީޗު ތަރައްގީކުރުމަށް ހުށަހެޅި ޑިޒައިންތަކުން އެންމެ ރަނގަޅު ޑިސައިން އިޙްތިޔާރުކުރައްވައި، 4 މަސް ދުވަހުގެ ތެރޭގައި މަޝްރޫއު ނިންމެވުމަށް ރައީސް ވަނީ ދަންނަވާފައެވެ. އަދި އެމަގުން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް، އެކަމަށް ބޭނުންވާ އިދާރާތަކާއި ކުންފުނިތަކާއި ބައްދަލުކުރައްވައި މަސައްކަތާ ގުޅޭ އިރުޝާދުދެއްވައި ކަންކަމުގައި ހައްލު ހޯއްދަވައިދެއްވިކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ހަލުވި ވިދުވަރެއްހައި އަވަސް ދުވެލީގެ އިތުރު މިސާލެއްގެ އައްސާނު ހިއްސާކުރެއްވިއެވެ. އެގޮތުން މަޝްރޫއަކަށް ބޭނުންވާ މުދާ ކްލިއަރކުރުން ލަސްވެއްޖެނަމަ، އެމްޕީއެލް އަށް ރައީސް އޮފީހުގެ މުވައްޒަފުން ވަޑައިގަންނަވާކަމަށް އައްސާނު ވިދާޅުވިއެވެ. އެއީ ރައީސް ޔާމީނުގެ އެދިވަޑައިގަންނަވާ ގޮތްކަމަށާއި، ދަންވަންދެންވެސް އެމްޕީއެލްގައި މުވައްޒަފުން ތިބޭ ކަމަށާއި، އެ މުދާތައް ހުރި ތަނަކުން ހޯދައި، އެ ނެރެފައިނޫނީ މުވައްޒަފުން ނިދަންވެސް ނުދާކަމަށް އައްސާނު ފާހަގަކުރެއްވިއެވެ.

އައްސާނުއާއި މުއިއްޒު ވިދާޅުވީ، އެފަދަ ދުވަހެއް އަލުން ގެނައުމަށް ޕީޕީއެމްއިން މިހާރު މަސައްކަތްކުރަންޖެހޭ ކަމަށާއި ރައީސް ޔާމީނު މިނިވަންކޮށް ވެރިކަމަށް ގެންނަން ޖެހޭކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button