ޚަބަރުސިޔާސީ

ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތަށް ޗެލެންޖު ކުރެވޭނެ ފަރާތެއް މި ރާއްޖެއަކު ނެތްކަމަށް ސައީދު ވިދާޅުވެއްޖެ

ޕީޕީއެމްއިން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ ”ހޯޕް ކޮންފަރެންސް“ ގެ ފުރަތަމަ ސެޝަނުގައި ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތުތަކަށް ޗެލެންޖު ކުރެވޭނެ ފަރާތެއް މި ރާއްޖޭގައި ނެތްކަމަށެވެ.

”ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތު ކިޔައިދޭން ވަރަށް ބިރުގަނޭ. ސަބަބަކީ މި ރާއްޖޭގައި އެމަނިކުފާނުގެ އިގްތިސާދީ ސިޔާސަތަށް ޗެލެންޖު ކުރެވޭނެ ފަރާތެއް ހުރިކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،“ ރައީސް ޔާމީނުގެ އިގްތިސާދީ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ސަރުކާރުގެ ދަރަނިތައް 22.6 ބިލިއަނަށް ތިރިކުރައްވާފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ދަރަނިތަކުގެ ވާހަކަ ފާހަގަކޮށް ސައީދު ވިދާޅުވީ މި ސަރުކާރުން އާމްދަނީ ނުލިބޭ އެތައް ކަމަކަށް އިންވެސްޓުކޮށްފިކަމަށާއި، ރާއްޖޭގެ ދަރަނި މިހާރު ހުރީ 114 ބިލިއަނަށް އަރުވާފައިކަމަށެވެ.

2013 ގައި ރައީސް ޔާމީނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ރާއްޖޭގައި ހުރި އެތައް މައްސަލައަކާ ކުރިމަތިލައްވައި އެކަންކަން ހައްލުކުރައްވަން ކަމަށާއި އޭގެ ތެރެއިން ރާއްޖެއަށް މިނިވަން ބާޒާރުގެ ތެރެއިން ފްރީ ޓްރޭޑް ކުރެވޭނެ ފުރުސަތުތަކެއް ފަހިކޮށްދެއްވާފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

”ރާއްޖޭގެ އާބާދީއާއި ޒުވާނުންގެ އަދަދު ދިޔައީ ވަރަށް ބޮޑަށް އިތުރުވަމުން. ރާއްޖޭގައި އިތުރުވަމުންދިޔަ އާބާދީއަށް އާ ޒަމާނެއް ފައިނޭންޝަލީ، އިގްތިސާދީ ގޮތުން ނުގެނެވިއްޖެ ކަމަށްވެއްޖިއްޔާ އޮޔާދާ ގައުމަކަށް މިގައުމު ވުމުގެ ބިރު އޮތަތީވެ، ރައީސް ޔާމީންގެ 2013 އިން 2018 އަށް އާދަޔާ ހިލާފު މަސައްކަތްތަކެއް އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަތީ،“ ސައީދު ވިދާޅުވި އެވެ.

ސައީދު އިރުތަށް ވިދާޅުވީ، ރައީސް ޔާމީނުގެ ވެރިކަމުގައި ގާނޫނީ އޮނިގަނޑަށް ބަދަލު ގެންނެވި ކަމަށާއި، ވިޔަފާރިތަކަށް ފަސޭހަ ސިޔާސަތުތަކެއް އެކުލަވާލައްވައި ޑޮލަރުގެ ބާޒާރު ހަމަޔަކަށް އަޅުއްވައި، ބައިނަލް އަގުވާމީ ރޭޓުތައް ހިފަހައްޓުވައި ބައިނަލްއަގުވާމީ ބޭންކުތަކުގެ ހިދުމަތްވެސް ރައްޔިތުންނަށް ހޯއްދަވައިދެއްވިކަމަށެވެ.

”ދާދި ފަހުން ރައީސް ޔާމީން ވިދާޅުވި، ސައުދީ ޔޫއޭއީ ފަދަ އަރަބި ޖީސީސީ ގައުމުތަކާ ޗައިނާއާ އެފްރިކާއާ މި ޒޯންގައި ފްރީ ޓްރޭޑް ކޮރިޑޯއެއް ތިމަން މަނިކުފާނުގެ ދެވަނަ ދައުރެއް ލިބިއްޖެ ކަމަށް ވަންޏާ އެސްޓަބްލިޝް ކުރައްވާނެ ވާހަކަ. އެހެން ވެއްޖެ ކަމަށްވަންޏާ ހަތަރު ގުނަ ފަސް ގުނަ އާމްދަނީ އިތުރުވެގެންދާނެ ފުރުސަތުތައް އެ ފަހިވަނީ،“ ސައީދު ވިދާޅުވި އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button