2023 ގެ މިހާތަނަށް ޖޫރިމަނާ ކޮށްގެން 4.7 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދައިފި

2023 ގެ މިހާތަނަށް ޖޫރިމަނާ ކޮށްގެން 4.7 މިލިއަން ރުފިޔާ އާމްދަނީއެއް ސަރުކާރުން ހޯދައިފިއެވެ.
މިކަން ހާމަވެފައިވަނީ ކޮންމެ މަހަކު ފިނޭންސް މިނިސްޓްރީއިން ނެރޭ ދައުލަތުގެ އާމްދަނީއާ ހަރަދާބެހޭ ރިޕޯޓުންނެވެ.
2022 ވަނަ އަހަރުގެ ފުރަތަމަ 19 ދުވަހު، ޖޫރިމަނާ ކޮށްގެން ސަރުކާރުން ހޯދާފައިވަނީ 7.4 މިލިއަން ރުފިޔާއެވެ. މި އަދަދު މިއަހަރު މަދުވެފައިވަނީ، އިންތިހާބާ ދިމާކޮށް ޕާކިން ވައޮލޭޝަން ސްޓިކަރ ޖަހާލެއް މަދުކޮށްފައިވާތީކަމަށް ލަފާކުރެވެއެވެ.
ޖޫރިމަނާކޮށްގެން ސަރުކާރުން މިއަހަރު ހޯދާނެ އާމްދަނީ ގޮތުގައި ލަފާކޮށްފައިވަނީ 82.7 މިލިއަން ރުފިޔާއެވެ. ނަމަވެސް މި އަދަދު އެތައް ގުނައަކަށް އިތުރުވެދާނެކަމަށް އަންދާޒާކުރެވެއެވެ. ސަބަބަކީ 2022 ވަނަ އަހަރު، ޖޫރިމަނާކޮށްގެނ ހޯދާނެކަމަށް ލަފާކުރީ 62.4 މިލިއަން ރުފިޔާކަމުގައިވީނަމަވެސް، އަހަރު ނިމުނުއިރު އެ އަދަދު ވަނީ 252.1 މިލިއަން ރުފިޔާއަށް އަރާފައެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސާލިހް 2018 ވަނަ އަހަރު ކެމްޕެއިން ކުރެއްވި އިރު، ޖޫރިމަނާކޮށްގެން ދައުލަތުން އާމްދަނީ ހޯދާ ހޯދުން ހުއްޓުމަކަށް ގެންނާނެކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އޭގެ ފަހުންވެސް ފާއިތުވި ކޮންމެ އަހަރަކުވެސް ޖޫރިމަނާ ފައިސާގެ ގޮތުގައި ސަރުކާރުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދައެވެ.