ޚަބަރު

މިދިޔަ އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ދިން އެވޯޑުތަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކުރި

މިދިޔަ އަހަރުގެ ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ދިން އެވޯޑުތަކަށް ފަސް މިލިއަން ރުފިޔާ ހަރަދުކުރިކަން ހާމަވެއްޖެއެވެ.

އޮންލައިން ނޫހެއް ކަމަށްވާ ”ދިޔަރެސް“ ނޫހުން ވަނީ މިކަމުގެ މައުލޫމާތު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދި ރައީސް އޮފީހަށް ހުށަހަޅާފައެވެ. އެގޮތުން ސަރުކާރުން ދިން އެވޯޑުތަކާއި ހަފުލާތައް ބޭއްވުމަށް ހިނގާފައިވާ ހަރަދާއި، އެ ހަފުލާތަކުގެ އެކި މަސައްކަތް ހަވާލުކުރި ފަރާތްތަކާއި އެ ފަރާތްތަކަށް ދިން ފައިސާގެ އަދަދު ކޮންމެ އަހަރެއް ވަކިވަކިން އެނގޭނެ ގޮތަށް އެ މައުލޫމާތު ހިއްސާކުރުމަށް އެދުނުކަމަށް ”ދިޔަރެސް“އިން ބުނެފައިވެއެވެ. ނަމަވެސް ރައީސް އޮފީހުން ހަމައެކަނި ހާމަކުރީ އެވޯޑްތަކަށާއި އިނާމުތަކަށް ހޭދަވި ޖުމްލަ އަދަދުކަމަށް މައުލޫމާތު ލިބެއެވެ.

މީގެއިތުރުން، އެވޯޑުތައް ހެދުން ހަވާލުކުރި ފަރާތްތަކާއި އެ ފަރާތްތަކަށް ދިން ފައިސާގެ އަދަދު ހާމަކުރަން ދެކޮޅު ހަދަމުން ރައީސް އޮފީހުން ބުނެފައިވަނީ، އެ މައުލޫމާތު ހިއްސާކުރުމުން އާންމު މަސްލަހަތު ގެއްލިގެން ހިނގައިދާނެކަމަށާއި، އެކިއެކި ސަރުކާރުތަކުން ހިދުމަތުގެ އަގު ވަޒަންކުރުމަށްޓަކައި މިހާތަނަށް ދީފައިވާ މެޑަލްތަކާއި އިނާމުތަކުގެ އަގަކީ، އެއިރެއްގެ އިގްތިސާދީ ހާލަތާއި، ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކަށް ވެސް ބަލައިގެން ކޮށްފައިވާ ހަރަދެއްކަމަށެވެ.

“ އެ އަދަދުތަކަކީ އެއް އަހަރުން އަނެއް އަހަރަށް ބަދަލުވަމުންދާ އަދަދުތަކެއް ކަމަށާއި، އެހެންކަމުން އެ މައުލޫމާތު ހާމަކުރުމުން އިނާމު ލިބޭ ފަރާތްތަކުގެ މެދުގައި ނުތަނަވަސްކަން އުފެދުމުގެ ފުރުސަތު އޮތުމުންނާއި، އާންމު މަސްލަހަތަށް ބެލިކަމުގައި ވިޔަސް އެއިން ހާސިލުވާނެ ނުރަނގަޅު ނަތީޖާ މާ ބޮޑުވާނެ ކަމަށް ފެންނާތީ، އާންމު މަސްލަހަތަށް އިސްކަންދިނުމަށްޓަކައި އެ މައުލޫމާތު ދޫކުރެވެން ނެތް ކަމަށެވެ.“ ދިޔަރެސް ނޫހުގައި ބުނެފައިވެއެވެ.

އަދި ރައީސް އޮފީހުން ދިން މައުލޫމާތުން ހާމަވެގެންދިޔައީ، 2022 ވަނަ އަހަރުގެ ގައުމީ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދިން އެވޯޑަށް ހޭދަކުރި ފައިސާތަކަކީ، ފާއިތުވި 4 އަހަރު ތެރޭގައިވެސް ސަރުކާރުން އެންމެ ބޮޑު ހަރަދެއް އެކަމަށްކުރި އަހަރުކަމެވެ.

އެގޮތުން، ފާއިތުވި އަހަރުގައި ގައުމީ އިނާމާއި އެވޯޑު ދިނުމަށް 4.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button