ޚަބަރު

ސުޕްރީމް ކޯޓުގެ ޕްރެކްޓިކްސް ޑައިރެކްޝަނާ އެއްގޮތަށް އަމަލުކުރަން ގާޒީ ޝަކީލް ދެކޮޅުހަދައިފި

2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ނެރެފައިވާ، އެ ކޯޓުގެ ޕްރެކްޓިކްސް ޑައިރެކްޝަނުގައި ލާޒިމުކޮށްފައިވާ ކަމެއް ނުކުރުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ ޝަކީލް އުޅުއްވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ވ. އާރަށު މައްސަލާގައި އިއްޔެ ކުރީގެ ރައީސް ޔާމީނަށް 11 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައިވާއިރު، އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު އަދިވެސް އެ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ހަވާލުކޮށްފައިނުވެއެވެ.

ސުޕްރީމް ކޯޓުގެ ޕްރެކްޓިކްސް ޑައިރެކްޝަނުގައި ބުނާގޮތުން ”ކޮންމެ ކޯޓަކުންވެސް ބަލައި ނިންމާ މައްސަލައެއްގައި ހުކުމް އިއްވާ ދުވަހު، އެ މައްސަލައިގެ ހުކުމަށް ވާސިލުވި ސަބަބާއި ހުކުމް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ”ޝަރީއަތް ނިމުނު ގޮތް“ (ޖަޖްމަންޓް) ގެ އަސްލެއް އެ މައްސަލަ ބެލި ފަނޑިޔާރު ނުވަތަ ފަނޑިޔާރުންގެ ސޮޔާއެކު، އެ މައްސަލައިގައި ހިމެނޭ ކޮންމެ ފަރާތަކަށްވެސް ހަވާލުކުރަންވާނެ“ އެވެ. އަދި ހަމަ އެދުވަހު އެ ރިޕޯޓުގެ ޕީޑިއެފް ފައިލެއްވެސް ކޯޓުގެ ވެބްސައިޓުން ފެންނަން ހުންނަންވާނެކަމަށްވެސް އެ ޑައިރެކްޝަނުގައި ބުނެފައިވެއެވެ. މިފަދައިން ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހަވާލުކުރަން ލާޒިމުކޮށްފައިވީނަމަވެސް، އެކަން އެގޮތަށް ކުރުމަށް އިސްގާޒީ ޝަކީލް ދެކޮޅުހަދައެވެ.

ހުކުމް އިއްވިތާ މިހާރު 17 ވަރަކަށް ގަޑިއިރުވެފައިވާއިރު، އެ ހުކުމް އިއްވީވެސް ރައީސް ޔާމީނުގެ ފަރާތުން އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތަކަށް، އެދި އެދި އޮއްވައި އަވަސް އަރުވާލައިގެންނެވެ. އެހެންކަމުން އެ މައްސަލައިގެ ރިޕޯޓު އަދިވެސް ހަވާލުކޮށްފައިނުވާތީ އެކަމުގެ ކަންބޮޑުވުން، ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުން ފާޅުކުރަމުންދެއެވެ. އެ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވާ ކުރީގެ ނައިބުރައިސް، ޑރ. މުހައްމަދު ޖަމީލް އަހްމަދުވެސް ވަނީ މިކަމާ ކަންބޮޑުވުން ފާޅުކޮށް ޓްވީޓްވެސް ކުރައްވާފައެވެ.

އެ ޓްވީޓުގައި ”މިއީ ކީއްވެގެން ކްރިމިނަލް ކޯޓުން ލަސްކުރާ ކުރުމެއް؟ ސްޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ބުނާގޮތުންވެސް ހުކުމް އިއްވާ ދުވަހު ޝަރީއަތް ނިމުނުގޮތް/ރިޕޯޓް ދޭންޖެހޭ؟ އިސްތިއުނާފުގެ މަސައްކަތްތެއްވެސް ނުފެށި ތިބެން މިޖެހުނީ. ޒިއްމާކުރުމާނެ އެއްވެސް ފަރާތެއް ނެތީބާ؟“ ޖަމީލް ވިދާޅުވެފައިވެއެވެ.

މިކަން މިހެން އޮތްއިރު، އިއްޔެގެ ޝަރީއަތުގެ ލައިވްވެސް ވަނީ ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން ރޭގެ ދަންވަރުގެ ވަގުތެއްގައި ފޮހެލާފައެވެ. މިކަމާ ގުޅިގެން އެކޯޓުގެ ބަހެއް މިހާތަނަށް ލިބިފައިނުވާއިރު، މީގެ ކުރިން އެ ކޯޓުގެ ޔޫޓިއުބް ޗެނަލްގައި ސްޓްރީމްކުރެވެން ހުރި އެއްވެސް ރެކޯޑިންގ އެއް ފޮހެލާފައިނުވާކަން ފާހަގަކުރެވެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރައްވާ ވަކީލު ޝަމީމް ޓްވީޓް ކުރައްވަމުން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ ޔޫޓިއުބް ޗެނަލްއިން، އިއްޔެގެ ޝަރީއަތުގެ ލައިވް ސްޓްރީމް ނެގިޔަސް، އެ ޝަރީއަތުގެ ލައިވް ވީޑިއޯ ރާއްޖޭގެ މީޑިއާ ތަކުގަޔާއި ވަކީލުންގެ އަތުގައިވެސް އެބައޮތްކަމަށެވެ. އަދި ހުކުމުގައި އޮތް ކޮންމެ އަކުރެއްމެ ވަކި ވަކިން ބަލައި ޗެކްކުރެވޭނެކަމަށްވެސް އެ ބޭފުޅާ ފާހަގަކޮށްފައިވެއެވެ.

”ދިޔަރެސް“ ނޫހަށް މައުލޫމާތު ދެމުން ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރާ އޮފިޝަލެއް ވިދާޅުވި ގޮތުގައި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ދޫކުރުން ލަސްވަނީ އޭގައި ބޮޑެތި ގޯސްތަކެއް ހުރުމުން ކަމަށާއި އަދި ޔޫޓިއުބްއިން ވީޑިއޯ ނެގީވެސް، އަނގަބަހުން ކުރި ހުކުމާ ގުޅޭ ރިޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް، ސީދާ އިސްގާޒީ ޝަކީލް އަންގަވައިގެންނެވެ.

މިފަދަ ބޮޑު ބަދަލެއްގެ ވާހަކަ ދެކެވޭއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވާގޮތުން ނަމަ، ޝަރީއަތުގައި ހުކުމެއް އިއްވާއިރު، ލިޔުމުގައި ހާމަކަންބޮޑު ގޮތަކަށް އުނިވެފައިވާ ތަނެއް އިސްލާހުކުރުން ނުވަތަ އިމްލާ ކުށެއް އިސްލާހުކުރުމާއި ހިސާބު ޖެހުމުގައި އަރާފައިވާ އޮޅުމެއް އިސްލާހުކަރުން ނޫން ގޮތަކަށް، ޝަރީއަތުގައި އަނގަބަހުން އިއްވާ ހުކުމަށް އެއްވެސް ބަދަލެއް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހިއްސާކުރާއިރު ގެނެވިގެން ނުވާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button