ރިޕޯޓްސިޔާސީ

ރައީސް ޔާމީންގެ ޝަރީއަތުގެ އެތެރެފުށް!

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކުރި 5 އަހަރުގެ ޖަލު ހުކުމުގެ ޝަރީއަތަކީ އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު ޝަރީއަތެވެ. އެއީ ހަމައެކަނި އެ ޝަރީއަތް ބްރޯޑްކާސްޓް ކޮށްގެނެއް ނޫނެވެ. އެއީ އެއްބަޔަކު އިންތިޒާރު ކުރަމުން އައި ކަމެކެވެ. އަނެއް ބަޔަކު ބަލަން ބޭނުން ނުވި މަންޒަރެކެވެ. އެކަމަކު އެ ޝަރީއަތުގެ އެތެރެފުށުގައި ހިނގައިދިޔަ ގިނަ ގިނަ ކަންކަމަކީ މިއަދާ ހަމައަށް އައިރުވެސް ގިނަ ސުވާލުތަކެއް އުފެދޭ ކަންކަމެވެ. 

ހައިލަމް އަމަލު ކުރިގޮތް

ފުރަތަމަ ކަމަކަށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ޝަރީއަތުގައި ވާހަކަ ދެއްކެވީ ވަރަށް ބޮޑަށް ދައުލަތާއި އެއްކޮޅަށެވެ. ދައުލަތުން ކުރަންޖެހޭ ބައެއް ސުވާލުވެސް ކުރެއްވީ ހައިލަމެވެ. ނަމަވެސް ފަހުން، ސަރުކާރުން ބޭނުންވި ގޮތަށް ހައިލަމް އަމަލު ނުކޮށްފާނެ ކަމުގެ ބިރު ހީވުމުން ސަރުކާރުން ވަނީ ޖުޑިޝަލް ސަރިވިސް ކޮމިޝަން (ޖޭއެސްސީ) ގެ ”ކޮމްޕޮޒިޝަން“ ބޭނުންކޮށްގެން ހައިލަމް މަގާމުން ވަކިކުރުމަށް މަސައްކަތް ކޮށްފައެވެ. އެކަން ކުރީ ރައީސް ޔާމީނަށް ހުކުމް ކުރަން އެންމެ 5 ގަޑިއިރަށް ވެފައި ވަނިކޮށެވެ. އެ މައްސަލައާއި ގުޅިގެން ހައިލަމް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ. އަދި ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒުފޯރުވި ކަމަށް ވިދާޅުވިއެވެ. އެ މައްސަލަވެސް މިހާތަނަށް ބެލިފައި ނެތެވެ. ޝަރީއަތެއްގެ ހުކުމާ ހިސާބަށް ވާސިލްވެފައިވަނިކޮށް ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަށް ނުފޫޒު ފޯރުވިކަމަށް ބުނެފައި އޮތްވާ އެކަން ނުބެލި، އެ މައްސަލައަށް ހުކުމެއް އިއްވުމުން، ކޯޓުން އަމަލުކުރީ އިންސާފުން ބޭރުން ކަން އެނގެއެވެ. ހައިލަމަށް ކުރިމަތިވި ނުފޫޒުގެ ސަބަބުން ނުހައްގުން ރައީސް ޔާމީންގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދު ކުރީއެވެ.

ރައީސް ޔާމީން ޝަރީއަތް ނިމެންދެން ބަންދަށް

ރައީސް ޔާމީން ހައްޔަރުކުރުމަށް އެދި ހުށަހަޅަމުން ދައުލަތުން ބުނީ އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގަށް ރައީސް ޔާމީން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އެކަމަކު އެއީ ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައެއް ނޫނެވެ. އަދި، ނުފޫޒު ފޯރުވަމުންދަނީ އެ ތަހުގީގާ ގުޅޭ ހެކިންނަށް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން ފުލުހުން ހިންގަމުންދާ ތަހުގީގާ ގުޅޭ ހެއްކަކަށް ރައީސް ޔާމީން ގިނަ އަދަދެއްގެ ފައިސާ ހުށަހެޅުއްވި ކަމަށެވެ. އެމީހަކަށް ގިނަ އަދަދެއްގެ ފައިސާ ހުށަހެޅިކަން އެނގޭނޭ ލިޔުމެއް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށްވެސް ދައުލަތުން ބުންޏެވެ. އެކަމަކު އެއީ ކޯޓުގައި ދައުވާ ނުކުރާ މައްސަލައެކެވެ. ރައީސް ޔާމީން ބަންދުކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ އަޑުއެހުމުގެ ތެރެއިން އެނގިގެން ދިޔައީ، އެމަނިކުފާނު ގިނަ އަދަދެއްގެ ފައިސާ ހުށަހަޅާފައިވާ ކަމަށް ބުނެ ދައުލަތުން ދަށު ކޯޓަށް ހުށަހެޅީ ކޮންމެވެސް މީހެއްގެ ބަޔާނެއްކަމެވެ. އަދި އެ ބަޔާނުގައި އެމީހާއަށް ރައީސް ޔާމީން އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަމަށް އޭނާ ބުނެފައިވާ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވިއެވެ. އަދި އެ މީހާގެ ބަޔާނުގައިވާ އިބާރާތް އޮތް ގޮތަށް ޝަރީއަތުގައި އިއްވިއެވެ.

އަލީ ރަޝީދު ޖެއްސެވި ”ޖަމްޕު“

ހައިލަމް އިސްތިއުފާ ދެއްވުމުން ކްރިމިނަލް ކޯޓު ވަގުތީގޮތުން ހިންގެވުމާ ހަވާލުވެވަޑައިގަތީ ފަނޑިޔާރު އަލީ ރަޝީދެވެ. އޭރު ރައީސް ޔާމީންގެ ޝަރީއަތް އޮތީ ނިމި، ހުކުމް އިއްވުމުގެ މަރުހަލާގައެވެ. އަޑުއެހުންތައް ނިމިފައި ވަނިކޮށް، އަލުން ޝަރީއަތަކަށް ފަނޑިޔާރުން އައްޔަން ކުރާނަމަ، ކުރަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހަކުންނެވެ. އެކަމަކު އެކަން ކޮށްފައިވަނީ ސީދާ އަލީ ރަޝީދު އަމިއްލަފުޅަށެވެ. މިއީވެސް ޝަރީއަތް ކުރުމުގެ އިޖުރާއަތުތަކާއި ހިލާފު ކަމެކެވެ. އަލީ ރަޝީދު ވަނީ ކްރިމިނަލް ކޯޓުގެ ވަގުތީ އިސް ފަނޑިޔާރު ކަމުގައި ހުންނަވައިގެން ރާއްޖެޓީވީއަށް އިންޓަވިއުވެސް ދެއްވާފައެވެ. އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުކަމެކެވެ. އެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުމުން ކަހާތަން ހިރުވައިވެސް ނުލިއެވެ.

އަލީ ރަޝީދަކީ މީގެ ކުރިން ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވިފައިވާ ބޭފުޅެއްވެސް މެއެވެ. އެހެން ކަމުން ސަރުކާރުން ބޭނުންވާ ގޮތަކަށް ހުކުމް ކުރަން އޭނާއަށް ބިރުދެއްކިއޭ ބުނުމުގެ ޖާގަވެސް އެބައޮތެވެ. ރައީސް ޔާމީނަށް ހުކުމް ކުރިތާ މާގިނަ ދުވަހެއް ނުވެ އަލީ ރަޝީދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ލިބުނެވެ. އޭނާއަށް އެ މަގާމު ލިބުނީ އެއަށްވުރެ މާ ގާބިލު ބޭފުޅުންވެސް ކުރިމަތިލާފައި ތިއްބައެވެ. މިކަމުން ވެސް އެނގެނީ މި މަގާމަކީ ރައީސް ޔާމީނަށް ހުކުމް ކުރުމުގެ ހަދިޔާއެއްގެ ގޮތުން ލިބުނު މަގާމެއް ކަމެވެ. ދާންދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަސްއަދު ވިދާޅުވެފައިވެއެވެ.

”އަލީ ރަޝީދޭ؟ ބަލަ އޭނާ ދަށު ކޯޓުގައި ހުރެފައި ހައިކޯޓު ފުރާޅު ފަހަނައަޅާގޮސް ސުޕްރީމް ކޯޓު ތެރެއަށް ޖަމްޕެކޭ ޖެހީ. އެ ހާދަ ބޮޑު ޖަމްޕެކޭ.“

މުއައްވިޒުގެ ހާސަރުތައް

ރައީސް ޔާމީނާއި ބައްދަލުކޮށް އެކައުންޓުގައި ހުރި ފައިސާގެ ވާހަކަ ދެއްކި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ކޯޓުގައި ވިދާޅުވިއެވެ. އެކަމަކު ބައްދަލު ކުރި ތާރީހެއް، ރައީސް އޮފީހުން ބައްދަލު ކުރި ފަންގިފިލާއެއް، ނޫނީ އެފަދަ އެއްވެސް ތަފްސީލެއް ކޯޓުގައި ބުނެދޭކަށް މުއައްވިޒަކަށް ނޭގުނެވެ. ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރާނަމަ އެކަން ލިޔެކިޔުމުން އެނގެން އޮންނާނެ އެވެ. ރައީސް ޔާމީންގެ ވަކީލުން އެދިގެންވެސް ރައީސް އޮފީހަށް އެފަދަ ލިޔެކިޔުމެއް ނުދެވުނެވެ. މުއައްވިޒު ރައީސް ޔާމީނާއެކު ރައީސް އޮފީހުގައި ބައްދަލުކުރިކަމަށް ބުނާބުނުން އެއީ ހަގީގަތެއް ނޫންކަން ތަހުގީގުގައި ފުލުހުން ހާމަކުރި މައޫލޫމާތުންވެސް އެނގެން އޮތެވެ. ފުލުހުންގެ ތަހުގީގުގައި ބުނެފައިވަނީ، އޭސީސީން ރައީސް ޔާމީންގެ ބަހެއް ހޯދަން އެ ކޮމިޝަނުން ކުރި މަސައްކަތުން އެމަނިކުފާނާއި ބައްދަލު ކުރެވޭނެ އެއްވެސް ގޮތެއް ނެތިގެން ސުވާލުތަކެއް ލިޔެފަ ސިޓީއެއް ފޮނުވި ވާހަކައެވެ. އަދި އެ ސިޓީއެއް ފޮނުވުމުން އެ ސުވާލުތަކުގެ ޖަވާބު ސިޓީ، ރައީސް ޔާމީން އޭސީސީއަށް ފޮނުއްވެވީމާ، އެގޮތުގެމަތިން އޭސީސީން ބަޔާނެއް އެކުލަވާލީ ކަމަށެވެ. އެހެންކަމުން، ފުލުހުންގެ ބަހުންވެސް އެނގިގެންދަނީ މުއައްވިޒު ރައީސް ޔާމީނާ ބައްދަލުކުރި ކަމަށް ބުނާ ވާހަކައަކީ ހަގީގަތެއް ނޫންކަންކަމެވެ. މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ހިޔާނާތުގެ ފައިސާ ދީފައިވާނޭ ކަމަށާއި، އެ ފައިސާ ދީފައިވާނީ ”އޮއިއްޓޭ“ ކިޔާ މީހަކު މެދުވެރިކޮށް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަޔާނުގައިވެއެވެ. އަދި، އަދީބާއި އޮއިއްޓޭއާއި ދެމެދު ވާހަކަ ދެކެވިފައިވާ ޗެޓުލޮގުގެ ތެރޭގައިވެސް އެކަމަށް ބާރުލިބިދޭ ހެކި ހިމެނެއެވެ. އެގޮތުން 10 ސެޕްޓެމްބަރ 2014 ވަނަ ދުވަހުގެ 11:09 ގައި އަދީބު އޮއިއްޓޭއަށް މެސެޖްކޮށް، މުއައްވިޒުއަށް 400،000 ދިނުމަށް ބުނެފައިވެއެވެ. އަދި އޮއިއްޓޭ އެ ފައިސާ ދިނުމަށްފަހު އަދީބަށް އެކަން އަންގާފައިވެއެވެ.

އެހެންކަމުން، މުއައްވިޒަކީ ވެސް ހިޔާނާތުގެ ފައިސާ ލިބުނުކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ. އަދި އަދީބާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތެކޭ ވެސް އެއްފަދައިން މުއައްވިޒުގެ ހެކިބަސް ޝަރީއަތުން ގަބޫލުކޮށްގެން ނުވާނެއެވެ.

އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީވެސް ވަނީ މުއައްވިޒު އިތުރުފުޅު ހެއްދެވިކަން ހާމަކޮށްފައެވެ. މުއްވިޒަކީ މިހާރު އަދީބުގެ ގާތް އެކުވެރިއެއް ކަމަށްވާ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިންގެ ވިޔަފާރި ޕާޓްނަރެވެ. އެ ދެމީހުން ގުޅިގެން މިހާރު ލޯފާމެއް ހިންގައެވެ. މުއައްވިޒު ހެކިބަސް ދީފައިވަނީ މާލީ މަންފާތަކެއް ހޯދަން ކަމަށް ނުބެލެވެންވީ ސަބަބެއް ނެތެވެ.

އަދީބާއި ޒިޔާތު ހާސިލްކުރަން ބޭނުންވީ ކޮންކަމެއް؟

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުކުރަން އެންމެ ބޮޑަށް ބުރަވީ އަދީބާއި ޒިޔަތުގެ ހެކި ބަހަށެވެ. އެ ދެބޭފުޅުންނަކީވެސް އަމިއްލައަށް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާފައިވާ ކަމަށް ކޯޓުގައި އިއުތިރާފްވެފައިވާ، އިސްލާމްދީނުގައި ހެކިންގެ ގޮތުގައި ބަލައިނުގަނެވޭފަދަ ދެ ފާސިގުންނެވެ. އަދި އަދީބަކީ ޔާމީން އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވޭ ފަރާތެވެ. އެހެންކަމުން އޭނާއަކީ ޔާމީންގެ އަދާވާތްތެރިއެއް ކަމަށް ބެލެވެން އެބައޮތެވެ. އެފަދަ މީހެއްގެ ހެކިބަސް ޝަރީއަތުގައި ބަލައިގެން، އެއަށް ބުރަދަން ދިނުމަކީ ގޯހެކެވެ. މިއީ އިސްލާމީ ޝަރީއަތުގައިވެސް އަދި ދުނިޔޭގެ އެއްވެސް ގައުމެއްގައިވެސް އަމަލުކުރާ އުސޫލެއް ނޫނެވެ.

ކޯޓުގައި އަދީބާއި ޒިޔަތު ވިދާޅުވީ، ހުރިހާ ކަމެއް ކުރީ ޔާމީންގެ އިރުޝާދުގެ ދަށުންކަމަށެވެ. އެގޮތަށް ވިދާޅުވުން ފިޔަވައި އެކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތެވެ. އެ ވާހަކަތަކަށް ބާރުދޭ އެކައްޗެއްވެސް ނެތެވެ. އެވާހަކަތަކުގައިވެސް ހުރީ ”ކޮރު“ ކަމެކެވެ. އަދީބާއެކު ދައުލަތުން ހެދި އިއުތިރާފުގެ އެއްބަސްވުމުން އެނގޭ ގޮތުން އޭނާ ރައީސް ޔާމީނާއި ދެކޮޅަށް ހެކިބަސް ދީފައިވަނީ ލުއިތަކެއް ދޭނެ ކަމަށް ދައުލަތުން ބުނެފައި އޮތުމުންނެވެ. މިނިވަންކަމުގެ ފޮނި އުންމީދުގައެވެ. އަދި އެ ދެފަރާތުން އެއްބަސްވި ގޮތަށް އަދީބު މިހާރު ހުންނެވީ ގޭގައެވެ.

ބޮމުގެ ހަމަލާއަށްފަހު ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރީ ކީއްވެ؟

ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ނަމަކަށް ކިޔާ ކުންފުންޏަކުން ފައިސާ ޖަމާކޮށްފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާ ދިނުމުގެ ފަހުންނެވެ. އޭރު، އެ ހަމަލާގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ ބޭފުޅަކީ އަދީބެވެ. އަދި، އޭރު ޔާމީނާއި އަދީބާއި ދެމެދު ގުޅުން އޮތީ ގޯސްވެފައެވެ.

”މީހަކު މަރާލަން ބޮމުގެ ހަމަލާއެއް ދިންކަމުގެ ތުހުމަތު ކުރެވިފައިވާ މީހަކާއެކު އެ ހަމަލާއިން ސަލާމަތްވި މީހާ ކޮރަޕްޝަނުގެ މުއާމަލާތެއް ހިންގަފާނެ ކަމަށް ގަބޫލުކުރުމަކީ ބުއްދި ޤަބޫލުކުރާނެ ކަމެއް ނޫން.“ ރައީސް ޔާމީންގެ ލީގަލް ޓީމް

އައްލާމުގެ ބަޔާނުން ކުރިން ނޭނގޭ އެތައް ވާހަކަތަކެއް

އެސްއޯއެފް ކުންފުނި އޮޕަރޭޓް ކުރަމުންދިޔަ މުހައްމަދު އައްލާމު ލަތީފްގެ ބަޔާނުގައި، ރައީސް ޔާމީން އަދީބަށް ގުޅުއްވައި އެމަނިކުފާނަށް އަދީބު ދެއްވަންޖެހޭ ފައިސާތަކެއް ނުދެއްވައިގެން ވަރަށް ހިތްޕުޅު ހަމަޖެގިވަޑައިނުގެން ޔާމީން ވާހަކަ ދެއްކެވި ކަމަށް ބުނެފައިވެއެވެ. އަދިއެ ފޯނު ކޯލް ނިމުމުން ޔާމީނަށް 1 މިލިއަން ޑޮލަރު ދިނުމަށް އަދީބު އައްލާމު ގާތުގައި އެދުމުން، އޭނާ 5 ލައްކައިގެ 2 ޗެކު ލިޔެ، ”އިސްފާހު“ ކިޔާ މީހަކު ލައްވައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމަށް ބުނެފައިވެއެވެ. ރައީސް ޔާމީން އަދީބަށް ގުޅުއްވީ ހިޔާނާތުގެ ފައިސާއެއް ނުވަތަ އެއްވެސް ރަށެއްގެ ފައިސާއެއް ހޯއްދެވުމަށް ކަމަށް އައްލާމުގެ ބަޔާނުގެ އެއްވެސް ތަނަކު ބަޔާންކޮށްފައެއް ނުވެއެވެ. އޭނާގެ ބަޔާނުން އެނގޭގޮތުގައި ޔާމީން ގުޅުއްވީ އަދީބު އަތުގައި ހުރި އެމަނިކުފާނުގެ ފައިސާތަކެއް ނުދީގެން އެ ފައިސާ ހޯއްދެވުމަށެވެ. އަދި، އަދީބު ވިދާޅުވެގެން އައްލާމު ޖަމާކޮށްދިނީވެސް އަދީބު ޔާމީނަށް ދޭންޖެހޭ ފައިސާކަން ސާފުވާ މިންވަރަށް އެނގެން އޮތެވެ. އައްލާމުގެ ބަޔާނުގެ އެއްވެސް ތަނެއްގައި އޭނާ ޔަމީނަށް ޖަމާކުރީ އެމްއެމްޕީއާރުސީން ކުއްޔަށްދިން ރަށަކުން އެސްއޯއެފަށް ލިބުނު ފައިސާކަމެއްވެސް ބަޔާންކޮށްފައެއް ނުވެއެވެ.

ދައުލަތުގެ ”އެފައިސާ މިފައިސާ“ގެ މަގްސަދު

ރައީސް ޔާމީންގެ އެކައުންޓުގައި ހުރީ ދައުލަތުގެ ފައިސާ ކަމަކަށް އެއްވެސް ތަހުގީގީ އިދާރާއަކުން ނިންމާފައެއް ނުވެއެވެ. އެ ފައިސާއަކީ އެފަދަ ފައިސާއަކަށް ވެދާނެތީ، އެ އަދަދަށް ވާ ވަރަށް ފައިސާ އޭސީސީގެ ކޮންޓްރޯލް އޮތް އެކައުންޓަކަށް ރައީސް ޔާމީން ވަނީ ޖަމާކުރައްވާފައެވެ. އަދިވެސް އެފައިސާ ހުރީ އޭސީސީގެ ބެލުމުގެ ދަށުގައެވެ. ދައުވާ ކުރީ، އޭސީސީއާއި ހަވާލުކުރީ ”އެހެން ފައިސާއެއް“ ކަމަށްބުނެއެވެ. އެކަމަކު ބޭންކިން ނިޒާމު އޮންނަ ގޮތުން ބޭންކަށް ޑިޕޮޒިޓު ކުރާ ފައިސާ، ހަމަ އެހުރިގޮތަށް އަނެއްކާ ނުއެއް ނެގޭނެއެވެ. އެއީ ތަސައްރަފު ނުފެދޭ މީހުން ދައްކައި އުޅޭ ވާހަކައެވެ.

”މިސާލަކަށް މީހަކަށް 500 ރުފިޔާގެ ލޯނެއް ދިނުމަށްފަހު، ފަހުން އެ ލޯނު ހޯދާއިރު، ތިމަންނަ ބޭނުމީ ހަމަ ކުރިން ދިން 500 ރުފިޔާގެ ނޯޓެކޭ އެކަކުވެސް ނުބުނާނެ. ބަލާނީ އަދަދަށް. 500 އަށް 500 ރުފިޔާ.“ ރައީސް ޔަމީންގެ ލީގަލް ޓީމް

މިކަންކަންމުން ދޭހަވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ދައުވާއަކީ އަސާސެއް ނެތް ދައުވާއެއް ކަމެވެ. އޭސީސީއާއެކު ވެފައިވާ އެސްކްރޯ އެއްބަސްވުމަކީ މަދަނީ އެއްބަސްވުމެކެވެ. އެ އެއްބަސްވުން ވެފައިވަނީވެސް ޔާމީންގެ އެދުމުގެ މަތިންނެވެ. މިކަމުން އެކަނި ވެސް އެމަނިކުފާނުގެ ގޯސް ނިޔަތެއް ނެތްކަން އެނގެއެވެ. ދައުވާ ކޮށްފައިވަނީ އެސްކްރޯ އެއްބަސްވުމާ އެއްގޮތަށް ފައިސާ ޖަމާކޮށްފައި ނުވާކަމަށް ބަޔާންކޮށެވެ. ނަމަވެސް އެއީ މަދަނީ އެއްބަސްވުމެއް ކަމަށްވާއިރު، އެ އެއްބަސްވުމާ ހިލާފަށް ރައީސް ޔާމީން ކަމެއް ކުރައްވައިގެން އޭސީސީން ޝަކުވާއެއް ކޮށްފައެއް ނުވެއެވެ. މިސާލަކަށް ބަހުސްކުރުމުގެ ބޭނުމަށް ރައީސް ޔާމީން އެސްކްރޯ އެއްބަސްވުމާ ހިލާފުވީ ކަމަށް ބެލިޔަސް މަދަނީ މައްސަލައެއްގައި މީހަކު އެއްބަސްވުމަކާ ހިލާފުވުމަކީ އޭނާގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ ގާނޫނީ ހަމައް އޮންނަ ކަމެއް ނޫނެވެ. އަދި އެސްކުރޯ އެއްބަސްވުމާ ޔާމީން ހިލާފުވެވަޑައިގެންނެވިކަމަށް އޭސީސީން ދެކޭނަމަ ވެސް ޖެހޭނީ ކޯޓަށް ދާށެވެ. އެކަމަކު އޭސީސީން އެފަދަ އެއްވެސް ކަމެއް ކޮށްފައެއް ނެތެވެ. އަދި ރައީސް ޔާމީން އެއްބަސްވުމާ ހިލާފުވެވަޑައިގެންނެވިކަމަށް ދެކިގެން އޭސީސީން އެމަނިކުފާނަށް އެއްވެސް ޝަކުވާއެއް ފޮނުވާފައެއް ނެތެވެ. މި ހާލަތުގައި އެސްކްރޯ އެއްބަސްވުމާ ހިލާފުވިކަމަށް ބުނެ ޖިނާއީ ދައުވާއެއް ކުރުމަކީ ގާނޫނޫ އަސާސީ ދަންނަ ކަމެއް ނޫނެވެ.

މި ހަމަތަކުން އެކަނި ބެލިޔަސް ރައީސް ޔާމީންގެ ޝަރީއަތުގެ އެތެރެފުށުގައި އޮތީ ސިޔާސީ ނުފޫޒުގެ ކިލަނބުކަމެވެ. ދަށު ކޯޓުން މިވަރުގެ ހުކުމެއް ދެމެހެއްޓި ގޮތާއެމެދުވެސް އުފެދޭ ސުވާލުތައް ބައިވަރެވެ. ކޮންމެއަކަށް ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އިސްތިއުނާފް އަޑުއެހުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، މިކަންކަމަށް ރިއާޔަތް ކޮށްފިނަމަ، ރައީސް ޔާމީން ބަންދުގައި އެންމެ ހިދުކޮޅެއްގައިވެސް ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަން ހާމަވާނެއެވެ.

 

3 Comments

  1. ޜައީސް ޔާމީން އަށް އިންސާފު ހޯދައިދޭން ޕީޕީ.އެން އިން ކުރީ ކޮންކަމެއއް!
    މުޒާހިރާތަކަށް މިލިއަނުން ހަރަދު ކުރި މީހުންނައި، އެކަމުގަެި އަމަލީގޮތުން ބައިވެރިވި މީހުން ޖޫރިމަނާވުން ނޫން ކަމެއްނުކުރޭ، ރައީސް ވެރިކަމަށް އައުމުހެ ކުރިން ދަރަނިވެރިކޮށްފި.

  2. ރައީސް ޔާމީނަކީ ފަސްބައި ސާފު ތެދުވެރި ރައްޔިތުންނަށް ޓަކާ ގިނަގުނަ މަސައްކަތްޕުޅު ކުރެއްވި މައުސޫމް ހިތްވަރުފުޅު ގަދަ ބޭފުޅެއް، ރައީސް ޔާމީން މިހާރު މިނިވަންކުރޭ!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button