ޖަންގަލީ އުސޫލުން މަގުމަތީގައި އުޅުނީ ކޮންބައެއްކަން ތާރީހުން ހެކިދޭކަމަށް ބުނެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އެމްޑީޕީއަށް ފާޑުވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމުގައިވާ ”ރާއްޖެ އެމްވީ“ އިން މިއަދު ޝާއިއު ކުރި ހަބަރެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އެންގެވުމަށް ޕީޕީއެމް/ ޕީއެންސީ އިން ސަރުކާރަށް ޕްރެޝަރު ކުރުމަށް ހަރަކާތް ތަކަށް ތައްޔާރު ވާކަމަށް ވަނީ ބުނެފައެވެ. އެކަމަށް ރައްދު ދެއްވައި މުހައްމަދު ވިދާޅުވީ އެ ނޫހުގައި ޝާއިއު ކޮށްފައި އޮތުމަކީ އެއްވެސް އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.
”އަޅުގަނޑަކީ ހަރަކާތު ކޮމިޓީގެ ޗެއަރ. އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވޭ.“ މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވިގޮތުގައި ރައީސް ޔާމީން ދަސްކޮށްދެއްވީ ޑިމޮކްރަސީގެ ރިވެތި އުސޫލުން ކަންކަން ކުރުމަށެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ހަބަރުތައް ގެނެސްދޭ ރާއްޖެ އެމްވީ އިން އުފައްދާ ފިތުނައިގެ އަލިފާނަށް މާދަމާ ފެންޖަހާނީ އެމްޑީޕީއިން ފަރުމާ ކުރަމުން އަންނަ ނަފްރަތުގެ ބިލު ކަމުގައި އޭނާ ވިދާޅުވިއެވެ.