
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދިރިއުޅުއްވާ އިމާރާތް ކުރިމަތީގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީން، އިހްތިޖާޖް ކޮށްފިއެވެ.
މި އިހްތިޖާޖަކީ މި ސަރުކާރުން ކުރަމުންގެންދާ ވައްކަމާއި ބޮޑެތި ކޮރަފްޝަނާއި ދެކޮޅަށް ކުރަމުން ގެންދާ އިހްތިޖާޖެއްކަމަށް އިދިކޮޅުން ބުނެފައިވެއެވެ. އަދި މި ސަރުކާރުން ފެއިލްވެ ރައްޔިތުން ”ފެލާލައިގެން“ ވެރިކަން ކުރަމުންދާތީ ސަރުކާރުގައި ތިބި ބޮޑެތި ”ވަގުން“ އިސްތިއުފާ ދިނުމަށް ގޮވާލާ ކުރަމުން ދާ އިހްތިޖާޖެއް ކަމަށެވެ.
”ފެލާލައިފި“ ނަމުގައި އިދިކޮޅު ކޯލިޝަން ޕީޕީއެމް/ ޕީއެންސީއިން ވަނީ ބޮޑު ޖަލްސާ އެއް ބޭއްވުމަށް ވެސް ނިންމާފައެވެ. އެގޮތުން އެ ކޯލިޝަނުން ބުނެފައިވަނީ މި ޖަލްސާ އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އަލިމަސް ކާނިވަލުގައިކަމަށެވެ.
މި ޖަލްސާއަކީ ދިވެހި ގައުމާ ރައްޔިތުން ދަރަނިވެރިކޮށް ގައުމުގެ ސިޔާދަތާ މިނިވަންކަން ކޮންޕްރޮމައިކޮށް މިހިންގާ ގައިރު ގާނޫނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބާއްވާ ޖަލްސާއެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު މި ޖަލްސާގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުންވަނީ އެދިވަޑައިގަނެފައެވެ.
ސަރުކާރުން ޖަވާބުދާރީ ކުރުވުމުގެ ނިޔަތުގައި މީގެ ކުރިންވެސް އިދިކޮޅު ކޯލިޝަނުންވަނީ ގިނަ ޖަލްސާތަކެއް ބާއްވާފައެވެ. އަދި މި ޖަލްސާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރި ވެފައިވެއެވެ.