ޚަބަރުސިޔާސީ

ފާޓީގެ ދަފްތަރު އޮތީ ގަޑުބަޑު ވެފަ، ޕްރައިމަރީ އިންސާފުވެރިއެއް ނުވާނެ: ރައީސް ނަޝީދު

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދަފްތަރު އޮތީ ގަޑުބަޑުވެފައިކަމަށާއި، މިކަމުގެ ސަބަބުން ޕްރައިމަރީ އިންތިހާބަށް އޭގެ އަސަރުކޮށް އިންތިހާބު އިންސާފުވެރިކަމާއެކު ނުގެންދެވޭނެކަމަށް، އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެ ކަންބޮޑުވުން ހިއްސާކޮށްފައިވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓު އަލްއުސްތާޛް ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީފުޅެއްގައެވެ. އެ ސިޓީފުޅުގައި، އެ މަނިކުފާނު ޕްރައިމަރީގައި ވާދަކުރައްވާނެކަމަށާއި، އެމްޑީޕީގެ ވޯޓުލާ ދަފްތަރުގައި ތިބި ސާޅީސްހާހަކަށް މެންބަރުންނަށް އެނގުމަކާނުލައި، އެ މެންބަރުން އެމްޑީޕީގެ ދަފްތަރުން ކުއްލިއަކަށް ވަކިކޮށްފައިވާތީ، އެމްޑިޕީގެ ޕްރައިމަރީ އިންސާފުވެރިކަމާއެކު ބޭއްވޭނެކަމަށް ގަބޫލުނުކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

އަދި، އެމްޑީޕީއަށް ހިތު ރުހުމުން ގުޅުނު 40 އިންސައްތަ މެންބަރުންގެ ބައިވެރިވުމާއި އެ މެންބަރުންގެ ހައްގު އެގޮތަށް ގެއްލުވާލުމުން އޭގެ ނޭދެވޭ އަސަރު 2023 ގެ ރިޔާސީ އިންތިހާބަށް ކުރާނެކަމަށްވެސް ރައީސް ނަޝީދު ދެކިވަޑައިގަންނަވާކަމަށް އެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

އެފަދަ ހާލަތެއްގައި ޕާޓީގެ މަސްލަހަތު އެއްކޮށް ގެއްލިގެން ގޮސްދާނެކަމަށާއި، ރިޔާސީ ޕްރައިމަރީގައި ވޯޓުލާ އެމްޑީޕީ ދަފްތަރުގައި މިހާތަނަށް ހިމެނިފައިވާ މެންބަރުންނާއި، އެ ދަފްތަރުގައި މިހާތަނަށް އެމްޑީޕީ މެންބަރުންގެ ގޮތުގައި ބަލަމުންއައި މެންބަރުންގެ، ވޯޓުލުމުގެ ހައްގު ނުގެއްލޭނެކަން ކަށަވަރުކޮށްދެއްވުމަށްވެސް އެމްޑީޕީގެ ސެކްރެޓޭރިއެޓުގެ އަރިހުން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button