ޚަބަރު

ދައުލަތުން ގެރެންޓީއާއި އެކު މިނިވަން މުއައްސަސާ އަދި ކައުންސިލްތަކަށް ދަރަނި ނެގޭ ގޮތް ހަމަޖައްސައިފި

ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކައުންސިލުތައް ހިމަނާ، އުސޫލުތައް އިސްލާހުކޮށް ދައުލަތުން ގެރެންޓީއާއި އެކު ދަރަނި ނެގޭނެ އުސޫލު ހަމަޖައްސައިފިއެވެ.

ގައުމުގެ އިގުތިސާދީ ހާލަތަށާއި، ސަރުކާރުގެ މާލީ ސިޔާސަތުތަކަށާއި، ތަރައްގީގެ ޕްލޭންތަކަށް ރިއާޔަތްކުރެވިގެން، ދެފުށް ފެންނަ އުސޫލެއްގެ މަތިން ގެރެންޓީ ދޭ އުސޫލު އެކުލަވާލާފައިވަނީ 2017 ވަނަ އަހަރު އެވެ.

ސަރުކާރުން އިސްކަންދޭ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ނުވަތަ މިނިސްޓަރުން ހުއްދަދޭ މާލީ މުއާމަލާތްތަކާ ގުޅިގެން ހުށަހަޅާ ހުށަހެޅުންތަކަށް މި އުސޫލުގެ ދަށުން މީގެ ކުރިން ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރެވިފައިވެއެވެ. އެގޮތުން، އޭރު ދައުލަތުން ގެރެންޓީ ދެވޭނެ ފަރާތްތަކުގެ ތެރޭގައި ހިމެނިފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސަބްސިޑިއަރީތަކުގެ އިތުރުން ރާއްޖޭގައި ވިޔަފާރިކުރަން ރަޖިސްޓްރީ ކޮށްފައިވާ ނުވަތަ ރީ-ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކެވެ.

އެހެންނަމަވެސް، މި އިސްލާހާ އެކުގައި ކައުންސިލްތަކުގެ އިތުރުން ދައުލަތުގެ މުސްތަގިއްލު މުއައްސަސާތައް ވެސް ހިމެނޭނެއެވެ.

ފަތުވެރިކަމުގެ ދާއިރާގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި ސަރުކާރުން ހުށަހަޅާ ޝަރުތުތަކާ އެއްގޮތަށް ސޯޝަލް ހައުސިން މަޝްރޫއުތައް ހިންގުމަށާއި ތަރައްގީގެ މަޝްރޫއެއްގެ ގޮތުގައި އިސްކަންދިނުމަށް ސަރުކާރުން ނިންމާ މަޝްރޫއުތައް ހިންގުމުގެ އިތުރުން މިނިސްޓަރު ހުއްދަދޭ މާލީ މުއާމަލާތްތައް ކުރުމަށް މި އުސޫލުގެ ދަށުން ގެރެންޓީ ނަގަން ހުށަހެޅޭނެއެވެ.

މި އުސޫލުގެ ދަށުން ގެރެންޓިކޮށްދެވޭ ދަރަނީގެ އިފެކްޓިވް އިންޓްރެސްޓް ރޭޓުން، ”ވޭރިއަބަލް އިންޓަރެސްޓް“ އުނިކުރުމަށް، އަންނަ އަދަދު 3.5 ޕަސަންޓަށް ވުރެ މަތިވެގެން ނުވާނެކަމަށް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި ގައުމުގެ އިގުތިސާދީ ހާލަތަށާއި، އެ އިރެއްގައި ދަރަނި ނެގެންހުރި މާކެޓް ރޭޓަށާއި، އެ ދަރަނި ނަގައިގެން ހާސިލުކުރަން ބޭނުންވާ މަގުސަދަށާއި، އެ ދަރަނި ނެގުމުގެ މުހިންމުކަން ފަދަ ކަންކަމަށް ރިއާޔަތްކުރުމަށްފަހު، މިނިސްޓަރުގެ ހުއްދައާއެކު މި ޝަރުތު އިސްތިސްނާކުރެވިދާނެއެވެ.

ކައުންސިލްތަކާއި މިނިވަން މުއައްސަސާތަކަށް ގެރެންޓީ ދޫކުރުމުގައި އެ ކައުންސިލު ނުވަތަ އޯގަނައިޒޭޝަނަލް ސްޓްރަކްޗާއާއި، މެނޭޖުމެންޓު ޓީމާއި ގެރެންޓީއާއެކު ކުރިއަށް ގެންދަން ހުށަހަޅާ މަޝްރޫޢު ރޭވުމާއި ތަންފީޒުކުރުމުގައި އަދި މާލީ މުއާމަލާތްތައް ހިންގުމުގައި އުޅޭނެ ފަރާތްތަކުގެ މައުލޫމާތު ހުށަހަޅަންޖެހޭއެވެ.

މި މަޝްރޫއާ ގުޅިގެން އަދި މާލީ މުއާމަލާތާ ގުޅިގެން ޕްލޭނެއް ހަދައި އެ ޕްލޭންވެސް ހުށަހަޅަން ޖެހެއެވެ. 3 އަހަރުވެފައިވާ ކައުންސިލެއް ނުވަތަ މުއައްސަސާއެއްނަމަ ތިން އަހަރުގެ އޮޑިޓުކޮށްފައިވާ މާލީ ބަޔާނެއް ވެސް ހުށަހަޅަން ޖެހޭނެއެވެ. ތިން އަހަރުން ނުވަތާނަމަ އެ ތަނުގެ އުރުންވީ ދުވަހެއްގެ މާލީ ބަޔާންތައް އޮޑިޓުކޮށް ހުށަހަޅަން ޖެހޭނެއެވެ.

އެއްވެސް ފަރާތަކަށް ކައުންސިލުން ނުވަތަ މިނިސްވަން މުއައްސަސާއަކުން ދަރަންޏެއް އަދާކުރަން އޮތްނަމަ ނުވަތަ ސަރުކާރުގެ އިދާރާއަކަށް ފައިސާއެއް ދައްކަންޖެހޭނަމަ އެ މައުލޫމާތު ހިމެނުންވެސް ލާޒިމުކުރެއެވެ. އަދި މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީއަކާއި ގެރެންޓީ ހޯދައިގެން ނަގާ ދަރަންޏާ ގުޅޭ މައުލޫމާތުވެސް ހިމަނަންޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button