
ވެހިކަލްތަކާ ގުޅިގެން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާއާއި އެ މިނިސްޓްރީގެ އެހެން މުވައްޒަފެއްގެ މައްޗަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނަސް ހުށަހަޅާފައިވާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ވެހިކަލް ތަކެއް، ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ، މާލީ ގޮތުން ހޯދަމުންދާކަމަށް ތުހުމަތުކޮށެވެ.
މިނިސްޓަރު ނަހުލާއަށް ތުހުމަތުކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަ އެކޮމިޝަނުން ބަލައިގަނެ، ތަހުގީގުގެ ފުރަތަމަ މަރުހަލާގެ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އޭސީސީއިން މަޢުލޫމާތު ދީފައިވެއެވެ. އަދި ތަހްގީގް ކުރިއަށްދާތީ އެކަމާގުޅޭ އިތުރު ތަފްސީލް އޭސީސީއިން ނުދެއްވާކަމަށްވެސް މައުލޫމާތު ލިބެއެވެ.
އޭސީސީއަށް އެ މައްސަލައިގެ ކަމާގުޅޭ ލިޔެކިޔުންތައް ހިއްސާކޮށްފައިވާއިރު، އޭގެ ތެރޭގައި މިނިސްޓަރުގެ ހުއްދައާއެކު ގާނޫނާ ހިލާފަށް އުޅަނދުތައް ރަޖިސްޓްރީ ކޮށްދީފައި ހުރި ލިޔުންތަކެއްވެސް ހިމެނޭކަމަށް ވެއެވެ.
މީގެ ކުރިންވެސް ބޮޑެތި އަދަދުތަކަށް މީހުންގެ އަތުން ފައިސާ ނަގައިގެން ވެހިކަލްތައް ރަޖިސްޓްރީކޮށްދޭކަމަށް ތުހުމަތުކޮށް، އެ ހިޔާނާތާއި އެނޫންވެސް ބައެއް މައްސަލަތަކުގައި މިނިސްޓްރީގެ މުވައްޒަފުންނަށް ތުހުމަތުކޮށް އޭސީސީއަށް މައްސަލަ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގެ ތަހުގީގް ނިމުމުން، މިނިސްޓްރީގެ ބައެއް އިސްވެރިންނަށް ދައުވާ އުފުލުމަށްޓަކައި އޭސީސީއިން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވެއެވެ. ނަމަވެސް ދައުވާކުރެވޭވަރަށް ހެކި ނެތްކަމަށް ނިންމައި ޕީޖީއިން އެމައްސަލަ ތަކުގައި ދައުވާ އުފުލާފައިނުވެއެވެ.
މި އަހަރު ސެޕްޓެންބަރު މަހުގައި ޓްރާންޕޯޓު މިނިސްޓްރީއިން ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލުކޮށް އެކަން އިއުލާނުކޮށްފައެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތަކާއި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކެއްގެ ރަޖިސްޓްރީވެސް ހިމެނެއެވެ.
މިނިސްޓަރު ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު އެކަމަނާ ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒް އަލީގެ މައްސަލަތަކެއް ރައީސް އޮފީހަށް ހުށަހަޅުއްވާފައެވެ. ޝިމާޒް އަލީ އަށް ކުރެއްވި ތުހުމަތުގެ ތެރޭގައި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތާއި، ގަވާއިދާ ހިލާފަށް ވެހިކަލްތަކެއް ރަޖިސްކޮށްދިނުން ފަދަ ބޮޑެތި ކޮރަޕްޝަނުގެ ތުހުމަތު ހިމެނެއެވެ. ނަމަވެސް އެހުރިހާ ތުހުމަތެއްވެސް ޝިމާޒް ދޮގުކުރައްވައެވެ. ޝިމާޒް ވިދާޅުވާގޮތުގައި މިނިސްޓްރީ ތެރޭގައި، މިނިސްޓަރު ނަހުލާއަށް ނޭނގި އެއްވެސް ކަމެއް ކުރައްވާފައި ނުވާނެއެވެ. އެބެފުޅާގެ ޒިންމާ އަދާކޮށްފައިވާނީ ގަވާއިދުތަކާއި ގާނޫނުގެ ތެރެއިންކަމަށާއި، ތުހުމަތުތަކެއް ކޮށްފައިވަނީ ޒާތީ މައްސަލައެއްގެ ތެރެއިންކަމަށް ޝިމާޒު ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ.