
ޗާގޮސް މައްސަލާއިގެ މައުލޫމާތު ސަރުކާރުން ފުލުހުންނަށް ހިއްސާކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އަދި އެޓަރނީ ޖެނެރަލް އަލްއުސްތާޛް އިބްރާހިމް ރިފްއަތު ބައިވެރިވެ ވަޑައިގެން އިސްކަންދަރު ބިލްޑިންގ ގައި އިއްޔެ މި ސެޝަން ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ވެބްސައިޓްގައި ހާމަކޮށްފައިވެއެވެ. މިއީ ރާއްޖެއާއި މޮރިޝަސްއާއި ދެމެދު މިހާރު ކުރިއަށްދާ މައްސަލައާ ގުޅޭގޮތުން ދިވެހި ފުލުހުންނަށް މައުލޫމާތުދިނުމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުން ނިންމެވުމާ ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
މީގެ އިތުރުން، މިނިސްޓަރ އޮފފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި މިނިސްޓްރީ އޮފް ފޮރުން އެފެއާޒް އަދި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންނެވި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުން ބައިވެރިވެލައްވާފައިވެއެވެ.
މި މައްސަލަ އެންމެފަހުން ހޫނުވެފައިވަނީ މި މައްސަލާގެ ރަށްތަކަކީ މޮރިޝަސްގެ ރަށްތަކެއް ކަމަށް އެއްބަސްވާން ދިވެހި ސަރުކާރުން ނިންމުމުންނެވެ. ޗާގޮސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބުނެ އެ ގައުމުން ކުރާ ދައުވާއަށް ރާއްޖެއިން ގެންދިޔައީ މީގެ ކުރިން ފާޅުގައި އިންކާރުކޮށް އދ.ގައި އެކަމާއި ދެކޮޅަށް ވޯޓު ދެމުންނެވެ.
ބަންޑާރަނައިބު ރިފްއަތު އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯދަ ލޯ އޮފް ދަ ސީޒް (އިޓްލޮސް) އަށް އެ ގައުމުން ހުށަހަޅާފައިވާ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ވިދާޅުވީ ޗާގޮސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ބަލައިގަންނަން ނިންމައި ރައީސް ސޯލިހު ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭ މޮރިޝަސްގެ ރައީސްއަށް ސިޓީއަކުން އެކަން ދަންނަވާފައި ކަމުގައެވެ.