
ޕްލޭނިންގެ މިނިސްޓްރީން މި މަހު ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަން މަސައްކަތް ކުރާ ކަމަށް އަނެއްކާވެސް ބުނެފިއެވެ.
ކުޑަގިރި ހުޅުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަދިވެސް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިއްޔެ ވިދާޅުވެފައިވެއެވެ. އެބޭފުޅާ ވިދާޅުވެފައިވަނީ މިމަހުގެ ތެރޭގައި އެ ކަންކަން ނިންމައި ޕިކްނިކް އައިލެންޑް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި އަހަރުގެ މިނިވަން ދުވަހާއި ގުޅުވައިގެން އެތަން އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ކުރިން ވަނީ ނިންމާފައެވެ. ނަމަވެސް އެ މުއްދަތަށް އެ މަސައްކަތް ނުނިމުމުން ދެން ހަމަޖެއްސީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އެތަން ހުޅުވުމަށެވެ. އެކަމަކު، އެ މުއްދަތު ފާއިތުވެގެން ދިޔައިރުވެސް ޕިކްނިކް އައިލެންޑް ހުޅުވޭގޮތް ވަނީ ނުވެފައެވެ.
ޕިކްނިކް އައިލޭންޑްގެ ގޮތުގައި ކުޑަގިރި ތަރައްގީ ކޮށްފައިވަނީ އާއިލާތަކަށް ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރުމަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފައިވެއެވެ. އައި އިންތިޒާމްތައް ހަމަޖައްސާފައިވާނި ޒަމާނީ އަދި ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
މި ޕިކްނިކް އައިލޭންޑަކީ މާލެއާއި 10.5 ކިލޯ މީޓަރު ދުރު، 15 މިނެޓުން ދެވޭ ރަށެކެވެ. އެތަން ހިއްކަން ޕްލޭންކުރީ ދަތުރުދާން ރަށަކާ އެކު 1.5 ހެކްޓަރުގެ ސޭންޑްބޭންކް ގޮތަށް ފިނޮޅެއް ވެސް ހަދާގޮތަށެވެ.
ގާތްގަނޑަކަށް 41 މިލިއަން ހޭދަކުރަން ނިންމާފައިވާ ޕިކްނިކް އައިލެންޑުގައި މިސްކިތަކާއި އައްމުންގެ އަސާސީ ބޭނުންތަކަށް ބޭނުންވާ އިމާރާތަކާއި ކަރަންޓާއި ފެނުގެ ހިދުމަތްވެސް މިހާރުވަނީ ނިމިފައެވެ.