ޚަބަރުސިޔާސީ

ޗާގޯސްގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު ބަދަލުވުމަކީ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް: އާދަމް ޝަރީފް

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސްގެ މައްސަލައިގައި ސަރުކާރުގެ ސްޓޭންޑު ބަދަލުވުމަކީ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މެންބަރު އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށާއި، މި މައްސަލަގައި ސަރުކާރުން ޖަވާބުދާރީ ވާާންޖެހޭނެކަމަށެވެ. އަދި މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށާއި އަދި މައްސަލަ ބޭރު ނުކުރުމަށް އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ދާއިރާތަކުގެ ރައްޔިތުން އިލްތިމާސް ކުރުން މުހިއްމުކަމަށްވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލާގައި ރާއްޖޭގެ ޒަމާންވީ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ރާއްޖެއިން ނިންމާފައިވާ ކަން ހާމަކުރީ މިމަހުގެ 20 ވީ ބުރާސްފަތި ދުވަހުގައެވެ. ބައިނަލްއަގްވާމީ ޓްރައިބިއުނަލްގައި އެކަން އިއުލާން ކުރެއްވީ އެ ޓްރައިބިއުނަލްގައި ރާއްޖޭގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތެވެ.

ޗާގޯސްގެ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އުފެދިފައިވާ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން މޮރިޝަސްއާ އެއްކޮޅަށް ނެރެފައިވާ ލަފާ ތަންފީޒުކުރަން އދ. ގައި މީގެކުރިން ރާއްޖެއަކުން ވޯޓެއް ނުދެ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރާއި އަދި އޭގެކުރިން އެ މައްސަލާގައި ނެގި ވޯޓުގައި ވެސް ރާއްޖެއިން ވޯޓު ދިނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ. ރާއްޖެއިން މިގޮތަށް ވޯޓު ދިން ސަބަބެއް ކަމަށް އޭރު ބުނެފައިވަނީ ކަނޑުގެ ސަަރަހައްދުގެ ސަރަހައްދީ އިމުގެ މައްސަލާގައި ރާއްޖެއާ ދެކޮޅަށް މޮރިޝަސްއިން ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވުމެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ދަނީ ކުރިއަށެވެ.

ޗާގޯސްއަކީ ރާއްޖެއާ 500 ކިލޯމީޓަރު ދުރުގައި އޮންނަ 60 ރަށުގެ މައްޗަށް އެކުލެވިފައިވާ 7 އަތޮޅެކެވެ. އެންމެ ފުރަތަމަ އިނގިރޭސީންގެ މިލްކިއްޔާތަށް އެ ރަށްތައް އައީ ފްރާންސުން އެ ސަރަހައްދާއި، މޮރިޝަސް އިސްތިއުމާރުކުރުމަށްފަހު، އިނގިރޭސިވިލާތާއެކު ހެދި އެއްބަސްވުމެއްގެ ދަށުން މޮރިޝަސްއާއި ޗާގޯސް އިނގިރޭސިވިލާތާ ހަވާލުކުރުމުންނެވެ.

މިއީ ސަރުކާރުން ބޭނުންވާ ގޮތައް ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅާއި އާންމުންގެ ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މިކަމުގައި ރައްޔިތުންގެ އަޑު އެހުމަށާއި ދިވެހިންނަށް ފައިދާ ހުރި ގޮތެއް ބަލައި އަމަލު ކުރަން ޖެހޭ ކަމަށް އިދިކޮޅު ފާރާތްތަކުން ދެކެއެވެ. ހާއްސަކޮށް ރާއްޖޭގެ ބިމާއި ވައިގެ ސަރަހައްދާއި އަދި ކަނޑުގެ ސަރަހައްދަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތަރިކަ މުދަލެއް ނުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button