ޚަބަރުސިޔާސީ

މާރިޔާގެ އަމިއްލަ ބޭނުންތަކަށް ކޯސްޓުގާޑުގެ އުޅަނދުތައް ބޭނުންކުރާކަމުގެ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ޑިފެންސް މިނިސްޓަރުގެ އަމިއްލަ ބޭނުންތަކަށް ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކުރައްވާކަމަށް ތުހުމަތުކޮށް، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ އިން ރިޕޯޓުކުރިގޮތުގައި އޭސީސީއަށް މިމައްސަލަ ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އެނގިފައިވާގޮތުގައި ކޯސްޓުގާޑުގެ އުޅަނދުތައް، މިނިސްޓަރުގެ އަމިއްލަ ކަންކަމަށް ދަނީ ބޭނުންކުރަމުންނެވެ. މީގެ ތެރޭގައި ހަފްތާ ބަންދުތަކުގައި އެ އުޅަނދުތަކުގައި ޕިކްނިކް ދާ ކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ބުނާކަމަށް މައުލޫމާތު ލިބެއެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އާއި ފިރިކަލުން އާމިރުއާ ދެބޭފުޅުން، ހޮލީވުޑްގެ މަޝްހޫރު ފިލްމެއް ކަމުގައިވާ ޓައިޓޭނިކްގެ މަންޒަރެއް ސިފަވާގޮތަށް، ބޯޓެއްގެ ދިރުބާކޮޅުގައި ތިބެ ނަގާފައިވާ ވީޑިއޯއް މީސްމީޑިޔާގައި ދާދިފަހުން ދައުރުވެފައިވެއެވެ. އަދި މިކަމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އެދެބޭފުޅުންނަށް އަމާޒުވެފައިވެއެވެ.

މި ވީޑިއޯ މީސްމީޑިއާގައި ދައުރުވުމާގުޅިގެން އެ ދަތުރުގެ ޚަރަދު ހަމަޖެއްސީ ކޮން ފަރާތަކުންތޯއާއި، ދަތުރުގެ ބޭނުމަކީ ކޮބައިތޯ ބެލުމަށް މިނިސްޓަރާ ސުވާލުކުރުމުން، އަމިއްލަ ބޭނުމަކު ކޯސްޓުގާޑު ބޭނުންނުކުރައްވާކަމަށް ވިދާޅުވިކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ވީޑިއޯ ނެގި ދަތުރަކީ ސިފައިންގެ ރަސްމީ ދަތުރެއްތޯ ނުވަތަ އޮޕަރޭޝަނެއްތޯ ބެލުމަށް އެމްއެންޑީއެފްއާ ސުވާލުކުރުމުން މިނިސްޓަރގެ ދަތުރުފުޅުތަކުގެ ތަފްސީލް، މިނިސްޓްރީ މެދުވެރިކޮށް ހޯދުމަށް އެދިފައިވާކަމަށް ވެއެވެ.

ދައުލަތުގެ ވަސީލައްތަކާއި ތަކެތި ބޭނުންކުރާކަމަށް، ރައީސް މައުމޫނުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއިންނެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަން، މިހާރު ރާއްޖޭގައި އޮތްއިރު، ރާއްޖޭގެ ތާރީޚުގައިވެސް ދައުލަތުގެ މުދާ ނަހަމަގޮތުގައި ބޭނުންނުކުރާވަރަށް މި ސަރުކާރުގެ ފަރާތްތަކުން އޭގެ ބޭނުން ނަހަމަގޮތުގައި ހިފާކަމަށް ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button