މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނު ކޮމްޕްރޮމައިޒް ވާކަހަލަ ފޮޓޯތަކެއް ހުރުމަކީ އެކަށީގެންވާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް, ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެންވިދާޅުވެފައިވަނީ, ތިނަދޫއަށް ކުރެއްވި ދަތުރު ފުޅުގެ ތެރެއިން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުއަރުވަމުންނެވެ. ނޫވެރިޔާވަނީ ރައީސް ސާލިހު އަންހެންކުއްޖަކާއެކު ޒިނޭކުރާ މަންޒަރު ފެންނަ ހަތަރު ފޮޓޯ އަތްފުޅުގައި އޮތްކަމަށް ރައީސް ނަޝީދު ވިދާޅުވީ ކީއްވެގެންތޯއާއި މެދު ސުވާލު އުފައްދާ އެކަން ސާބިތުނުކޮށްދެއްވަނީ ކީއްވެތޯ ސުވާލުކޮށްފައެވެ. މި ސުވާލުތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވެފައިވަނީ, އެފަދައިން ޒިނޭކުރާ މަންޒަރު ފެންނަ ފޮޓޯތަކެއް ހުރިކަމަށް ވިދާޅުނުވާކަމަށެވެ.
އެހެންނަމަވެސް, ވަޓްސްއަޕް ގްރޫޕެއްގައި ރައީސް ސޯލިހުގެ މައްޗަށް ޒިނޭގެ މުޑުދާރު އަމަލުގެ ތުހުމަތުކުރައްވާ ރައީސް ނަޝީދު ފޮނުއްވި މެސެޖްތަކެއް މިފަހުން ވަނީ އާއްމުވެފައެވެ. އަދި ރައީސް ސާލިހް އެ އަންހެން ކުއްޖާއި އެކުގައި އެއްދާނުކުރައްވަނިކޮށް ފެންނަ 4 ގަނޑު ފޮޓޯ އޮތް ކަމަށް ވެސް ރައީސް ނަޝީދުގެ މެސެޖުގައިވެއެވެ.
މިކަމާ ގުޅިގެން ނޫސްވެރިޔާ ސުވާލުކުރުމުން އެމަނިކުފާނު ދެއްކެވި ވާހަކަ ނޫސްވެރިން އޮޅުވައިލިކަމަށް ވިދާޅުވުމަށްފަހު ނަޝީދު ވިދާޅުވީ ކުރިންވެސް އެމަނިކުފާނު ވިދާޅުވެފައިވާނެ ފަދައިން އެމަނިކުފާނާއި ރައީސް ޞާލިޙުގެ ވަރަށް ގިނަ ފޮޓޯތައް ހުންނާނެ ކަމަށެވެ. އަދި ދެ ބޭފުޅުންވެސް ކޮމްޕްރޮމައިޒްވެފައި ހުރި ފޮޓޯ އޭގެ ތެރޭގައި ހުރުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.