ފެނަކައިގެ މުވައްޒަފުންނަށް އިތުރު ގަޑި ނުދޭގޮތަށް ނިންމައިފި

މުވައްޒަފުންނަށް އިތުރު ގަޑި ނުދޭން އަތޮޅު ތެރެއަށް ކަރަންޓާއި ފެނުގެ ހިދުމަށް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނި ފެނަކަ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ކޮރަޕްޝަނުގެ ތުހުމަތު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑަށް ކުރެވޭ އެއް ކުންފުންޏަކީ ފެނަކައެވެ. އެނގިފައިވާ ގޮތުގައި އާންމު ވިޔަފާރިތަކަށްވެސް ސަރުކާރުގެ މި ކުންފުނިން ވަނީ ދަރަނިވެފައެވެ.
މިގޮތުން, 2021 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނީގެ ޖުމްލަ ދަރަނީގެ އަދަދު 1.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން, މި ކުންފުނި ވެގެންދާނީ ސަރުކާރުގެ ކުންފުނި ތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު އެއް ކުންފުންޏަށެވެ. 2018 ވަނަ އަހަރު މި ސަރުކާރު ވެރިކަމަށް އައި އިރު މި ކުންފުނީގެ ދަރަނި ހުރީ 627 މިލިއަނުގައެވެ. ފާއިތުވި 4 އަހަރުގެ ތެރޭގައި 800 މިލިއަން ރުފިޔާ ގެ ދަރަނިވަނީ އިތުރުވެފައެވެ.
މިފަދަ ދަނޑިވަޅެއްގައި, ފެނަކައިގެ އެމްޑީ އަހްމަދު ސައީދު މުހައްމަދު ސޮއިކުރައްވާ ނެރުއްވި ސާކިއުލާއެއްގައި 4 ޑިސެމްބަރު 2022 ވަނަ ދުވަހުން ފެށިގެން އޮފީހުގެ މަސައްކަތް ހެނދުނު 8:00 އާއި މެންދުރުފަހު 15:00 ގެ ދެމެދުގައި ނިންމަން މުވައްޒަފުންނަށް އަންގާފައިވެއެވެ.
މި ސާކިއުލާގައި އިތުރަށް ބަޔާންކޮށްފައިވަނީ, އެހެން ގޮތަކަށް އަންގަންދެން ރަސްމީ ގަޑީގެ އިތުރަށް ބުރާންޗުތަކާއި ޑިޕާޓުމެންޓުތަކުން ނުވަތަ މުވައްޒަފުން މަސައްކަތްކުރަންވާނީ އެކަމަށް ޚާއްޞަ ހުއްދައެއްލިބިގެން ކަމަށެވެ.
ފެނަކައިގެ ދަރަނި އަދާނުކުރެވި ޚަރަދުތައް އިންތިހާއަށް ބޮޑުވެފައިވާއިރު ފެނަކައިގެ ޚަރަދުތަކުގެ ތެރެއިން އެންމެ ބޮޑުވެފައިވަނީ މުވައްޒަފުންނަށްކުރާ ހޭދަކަން ސަރުކާރު ކުންފުނިތައް ޖަވާބުދާރިކުރުވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެންމެ ފަހުން ނެރުނު ދައުލަތުގެ ކުންފުނިތަކާ ބެހޭ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.