ޚަބަރުސިޔާސީ

މަވޯޓާ ޝަރީީފުގެ މައްޗަށް އަބުރުގެ ދައުވާ އުފުލައި 10 މިލިއަން ހޯދަން ނަޝީދު ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގަތުލު އާންމެއް ހިންގަވަން އުޅުއްވި ކަމަށް ތުހުމަތު ކުރެއްވި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ގެ މައްޗަށް އަވުރުގެ ދައުވާކޮށް އޭނާގެ އަތުން 10 މިލިއަން ރުފިޔާ ހޯދަން ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރައީސް ނަޝީދުގެ ވަކީލުން މި މއްސަލައާއި ގުޅިގެން ނެރުނު ބަޔާނުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް މިމަހުގެ 25 ވަނަ ދުވަހު ކުރެއްވި ޓުވިޓެއްގައި ރައީސް ނަޝީދުގެ  އަބުރާއި ބެހި އަބުރައް ގެއްލުން ލިބޭ ގޮތައް ވާހަކަ ދައްކަވާފައި ވާކަމަށެވެ. އެހެންކަމުން، މެންބަރު އިބްރާހިމް ޝަރީފުގެ ކިބައިން، އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާކަމަށް ކަނޑައަޅައިދެއްވައި، އަދި އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދި އަންގާރަ ދުވަހު ސިވިލް ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށެވެ.

ރައީސް ނަޝީދުގެ ވަކީލުން ވިދާޅުވިގޮތުގައި މެންބަރު އިބްރާހިމް ޝަރީފްގެ ޓުވީޓްގައި ރައީސް ނަޝީދަށް ނިސްބަތްކޮށް ލިޔެފައިވާ ދޮގުތަކުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ސަބަބުން އޭގެ ބަދަލެއްގެ ގޮތުގައި ދިހަ މިލިއަން ރުފިޔާ ނަގައިދޭން ކޯޓުގައި އެދިފައިވެއެވެ.

މެންބަރު އިބްރާހިމް ޝަރީފް މިގޮތައް ޓުވީޓް ކުރެއްވީ،  ހަސަން ކުރުސީ ކިޔާ ޓުވިޓާ އެކައުންޓަކުން، މެންބަރު އިބްރާހިމް ޝަރީފަކީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ސެކްރެޓޭރިއެޓުގައި މަސައްކަތްކުރި އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކޮށްގެން އެމްޑީޕީން ވަކިކުރި ބޭފުޅެއްކަމަށް ބުނެ ކުރި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ. މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވަނީ ހަސަން ކުރުސީ ކިޔާ ޓުވިޓާ އެކައުންޓަކީ ރައީސް މުހައްމަދު ނަޝީދުގެ އެކައުންޓެއްކަމަށް ވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދު މީގެ ކުރިންވެސް ވިދާޅުވެފައިވަނީ އެ އެކައުންޓަކީ އެމަނިކުފާނުގެ އެކައުންޓެއް ނޫންކަމަށެވެ.

މެންބަރު ޝަރީފު ވިދާޅުވިގޮތުގައި، ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓައިލުމަށް ފަންސާސް މީހަކު މަރާލައި އެ މީހުންގެ މަރުތައް ރައީސް މައުމޫނުގެ އިސްތަށިފުޅުގައި އަޅުއްވަން ރައީސް ނަޝީދު ރޭއްވެވިއެވެ. އެހެން ނަމަވެސް އެމްޑީޕީގެ އެއިރުގެ ޕާލިމަންޓަރީ ގުރޫޕުން އެ އަނިޔާވެރި އަމަލު ހުއްޓުވަން ގަރާރެއް ފާސްކުރިކަމަށާއި އަދި އެ ގަރާރު ފާސްކުރެއްވެވީ އެމްޑީޕީގެ  ޕާލިމެންޓަރީ ގުރޫޕުގެ ހުރިހާ މެންބަރުންގެ ސޮޔާއެކު ކަމަށްވެސް މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button