
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑުކުރުމުގެ ބިލާ ދެކޮޅަށް އަޑުއުފުލުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރިއަށް އެއްވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ.
އިދިކޮޅުން އެއްވާން ނިންމާފައިވަނީ މިއަދު 12:30 ގައެވެ.
ބޭރު ގައުމުތަކުން ފައިސާ ލިބޭނެ މަގެއް ނެތް ކަމަށާއި، ސަރުކާރުގެ ހަރަދުތައް ފޫބައްދަން އޮތް ހަމައެކަނި ހައްލަކީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކޮށްގެން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ 2.5 ބިލިއަން ރުފިޔާ، ރައްޔިތުންގެ އަތުން ނުނަގާ ސަރުކާރުގެ ހަރަދު ދެކޮޅުޖެއްސޭނެ ގޮތެއް ނެތީތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެދު ހެންވެއިރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، ޓެކްސް ބޮޑުކުރާ އެނެމް ބޮޑު އެއް ސަބަބަކީ ރިކަރަންޓު ހަރަދު ފޫބެއްދުމަށް ކަމުގައެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އަންނަ އަހަރު ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރާށެވެ. އެގޮތުން ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށް މިހާރު އޮތީ މަޖިލީހަށް ހުށަހަޅާފަ އެވެ.