ޕާޓީ ކުރި 12 މީހުންގެ ތެރޭގައި ފުލުހުން އަތުލައިގަންނަ މަސްތުވާތަކެތި ބަލަހައްޓާ އޮފިސަރެއް!

ބުރާސްފަތި ދުވަހުގެ ރޭ މަސްތުވާތަކެއްޗާއި އެކު މާލޭގެ އެޕާރޓްމަންޓަކުން ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ ފުލުހެއް ހައްޔަރުކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލެ އާއި ހުޅުމާލޭގައި ހިންގި ޑްރަގް އޮފަރޭޝަނެއްގައި 12 މީހަކު ހައްޔަރުކޮށްފައިވާ އިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ އަންހެނުންނެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ އެޕާޓްމަންޓެއްގެ ތެރޭގައި ޕާޓީ ކުރަނިކޮށެވެ.
”ބޮންތި“ ނޫހަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރިމީހުންގެ ތެރޭގައި ޑީއީޑީގެ ހުސައިން ޝުޖާއު, ސާނީ/ ހދ.ވައިކަރަދޫ ފުލުސްމީހާވެސް ހިމެނެއެވެ. އެނގިފައިވާ ގޮތުގައި އޭނާ އަކީ ފުލުހުން އަތުލައިގަންނަ ޑްރަގް ބެލެހެއްޓުމާ ހަވާލުވެ ހުރި މީހެކެވެ.
މި ފުލުސް މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ބަންދުގެ މުއްދަތުވެސް ވަނީ އިތުރުކޮށްފައެވެ. އެހެންނަމަވެސް, ފުލުހުން އެދިގެން އޭނާގެ ބަންދު އަޑުއެހުން ސިއްރުކޮށްފައިވާތީ ކޯޓުން އޭނާގެ ބަންދު އަމުރު އާންމެއް ނުކުރެއެވެ. އަދި މިކަމާއި ގުޅިގެން ފުލުހުންގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑު ކޮށްފައެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ފިލްމީ ތަރި އާމިނަތު ރިޝްފާ އަދި ޓިކްޓޮކްގައި މަގުބޫލުކަން ހޯދާފައިވާ ހުނޭޝާ އާދަމް ނަސީރުވެސް ހިމެނެއެވެ. ހުނޭޝާ އަކީ މީގެ ކުރިންވެސް ހައްޔަރު ކުރުމަށްފަހު ހެކި ނެތްކަމަށް ބުނެ ދޫކޮށްލި މީހެކެވެ.