ޕާޓީ ކުރި މީހުން ތިބިތަނާއި ޝާހިދާއި ގުޅުމެއް ނެތްކަމަށް ފޮރިން މިނިސްޓްރީން ބުނެފި
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަންގައި ހައްޔަރުކުރި މީހުން ތިބި އިމާރާތަކީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ގުޅުންހުރި އިމާރާތެއް ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައިވަނީ ދިޔަރެސް ނޫހުގައި ޝާއިޢުކޮށްފައިވާ ”މަސްތުވާތަކެއްޗާއެކު ޕާޓީކުރަން ތިއްބައި ހައްޔަރުކުރި 12 މީހަކު ހައްޔަރުކުރީ އަބްދު ޝާހިދުގެ ގެއިން“ ކަމަށް ލިޔެފައިވާ ހަބަރާއި ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ހަބަރުގައިވާ މައުލޫމާތުތަކަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފް ދޮގު މައުލޫމާތު ހިމަނައިގެން ލިޔެފައިވާ ހަބަރެއް ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ސީދާ އޮޅުވާލުމުގެ މަގްސަދުގައި ޝާހިދު ބަދުނާމުކޮށް، އެބޭފުޅާގެ އަބުރުފުޅު ކަތިލުމުގެ ނިޔަތުގައި، އެ ނޫހުގައި ޝާއިއުކޮށްފައިވާ ދޮގު ހަބަރެއް ކަމަށެވެ.
https://twitter.com/MoFAmv/status/1591772923412779009?s=20&t=uz1nFos-DLrS48jS0OqaFw
ދިޔަރެސް ނޫހުން ބުނެފައިވާގޮތުގައި ޕާޓީ ކުރި 12 މީހުން ހައްޔަރު ކުރީ ޝާހިދުގެ ގެއިންނެވެ.
”ކަން ހިންގާފައިވާ ގޮތަށް ބަލާއިރު އަދި ފުލުހުން ދީފައިވާ ސައްހަ މައުލޫމާތުން އިނގޭ ގޮތުގައި، މިއީ މިނިސްޓަރ ޝާހިދު އާ އެއްވެސް މިންވަރަކަށް ގުޅުންހުރި ކަމެއް ނޫން ކަމާ އަދި އެކަން ހިނގައިފައިވަނީ މިނިސްޓަރ ޝާހިދު އާ އެއްވެސް ވަރަކަށް ގުޅުންހުރި އިމާރާތެއްގައި ނޫންކަން ވަރަށް ސާފުކޮށް އެނގުނެވެ.“ އެ ބަޔާނުގައިވެއެވެ.
ހައްޔަރުކުރެވުނު 12 މީހުންނަށް ވެސް ވަނީ މުއްދަތު ޖަހާފައެވެ. މިއެންމެންނަށް ކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.